މިދިޔަ މާރިޗް މަހުގެ 25 ވަނަދުވަހު ފުލުހުންނަށް ހުށަހެޅުނު މީހަކު ރަހީނުކުރި މައްސަލައިގަ ތުހުމަތުކުރެވޭ 4 ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، މިދިޔަ މާރިޗް މަހުގެ 25 ވަނަދުވަހު، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެމީހާ ހޯދުމުގެ މަސައްކަތްކުރަނިކޮށް، މާރިޗް މަހުގެ 27 ވަނަދުވަހު ވިލިމާލެ އިން އެމީހާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެމައްސަލައާއި ގުޅިގެން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެމައްސަލައިގަ، މީހަކު ރަހީނުކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނީ، ރަސަލް 20 އަހަރާއި، އެމްޑީ ހޮސައިން 30 އަހަރާއި، އެމްޑީ މެހެދި ހަސަން 34 އަހަރާއި، ސާފިފް ހަސަން 38 އަހަރު އަދި އެމްޑީ ޝާ އަލަމް 39 އަހަރެއެވެ.
މި ފަސް މީހުންނަކީވެސް ބަންގަލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންނެވެ. މިމައްސަލައިގަ އެޕްރީލް މަހުގެ 10 ވަނަދުވަހު ކްރިމިނަލް ކޯޓުން ނެރުނު ބަންދުއަމުރުގައި ބުނެފައިވަނީ، މި އެންމެންގެ ތެރެއިން، އެމްޑީ ހޮސައިން ވަނީ، އެ މައްސަލައިގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށާއި، އަދި އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ އަމަލެއް ކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްޑީ ހޮސައިން ކަމަށެވެ.
އަދި އޭނާ އަށް ކުރެވޭ ތުހުމަތަށް އިއުތިރާފްވެ، ކަން ހިނގާދިޔަގޮތް ކިޔައިދީފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ. ނަމަވެސް މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް އިތުރުކޮށްފައިވާއިރު އޭގެ ފަހުން އެމައްސަލައިގަ ތުހުމަތުކުރެވޭ ދެންތިބި ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި އެވެ.

