އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މެއި މަހު ފަށާނެ ކަމަށާއި އެއާއިއެކު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓްކުރަން ފަށާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ ފޮރިންލޭބާ ޑިޕާޓްމެންޓްގެ ފަރާތުން 2024 ވަނަ އަހަރުގެ ފެށިގެން ދެ އަހަރުގެ ދުވަހަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އޮޕަރޭޝަން ކުރަނގީގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
ވަޒީރު އިޙްސާން ވިދާޅުވީ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަނގި އޮޕަރޭޝަން ފެށުމުގެ ކުރިން ވާރކް ޕާމިޓް ފީއެއް ނުދައްކާ އަދި ވިސާއެއް ނެތި 148417 މީހުން ތިބިކަމަށެވެ. އެ މީހުންނަކީ ރާއްޖޭގައި ތިބި މީހުންތޯ ނުވަތަ ބޭރުގައި ތިބި މީހުންތޯ ކަށަވަރުނުވާ ކަމަށާއި ކަށަވަރުވީ އެ ވަރަށް ހުއްދަތައް ދޫކޮށްފައިވާކަން އެކަނި ކަމަށެވެ. އަދި އެ މީހުން ވިސާ އާއި ވޯކް ޕާމިޓް ފީ ދައްކަމުން ނުދާކަން ކަމަށެވެ. އޭރު ސިސްޓަމުންތަކުން ބެލިއިރު ގަވައިދާ އެއްގޮތަށް އުޅެމުންދިޔަ ކަމަށް ދެއްކީ 28.97 އިންސައްތަ މަސައްކަތްތެރިން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިދިޔަ ދެއަހަރު ކުރި މަސައްކަތުން ފުރިހަމައަށް ފީތައް ދައްކާ އަދި ޑޮކިއުމަންޓްތައް ހަމަކޮށްފައިވާ ބިދޭސީން އަދަދު 62 އިންސައްތަ އަށް އިތުރުވެފައިވަކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ގާތްގަޑަކަށް ދެލައްކަ ހަ ހާސް މީހުންގެ ފިންގަ ޕްރިންޓް ނަގާ ބަޔޯމެޓްރިކްސް މައުލޫމާތު ހަމަކޮށްފައިވާކަމަށެވެ.
ރާއްޖޭގައި މިވަގުތު އެ މައުލޫމާތުތައް ނުދީ ތިބީ 2933 މީހުންކަމަށާއި އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮޕަރޭޝަން ކުރަނގީގެ ފޭސް 3 ގެ މަސައްކަތް ފަށާނެކަމަށާއި އެ ތަާރީހުން ފެށިގެން ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މައުލޫމާތު ނުދޭ މީހުން ހޯދާ ހައްޔަރުކޮށް ރާއްޖެއިން ޑީޕޯޓް ކުރަން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. މި މަސައްކަތުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ބިދޭސީންގެ މައުލޫމާތު އެއްކޮށް، ހުރިހާ ބިދޭސީން ހިމެނޭ ފުރިހަމަ މައި ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

