ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސް ވިއްކަން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯއިން މީޑިއާތަކަށް ޙިއްސާކުރެއްވި މެސެޖެއްގައި ބުނީ، މި ޝިޕްމަންޓާއެކު މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިދިޔަ ހަފުތާތަކުގެ ތެރޭގައި ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކުން ލިމިޓްކޮށްފައެވެ. އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ގޭސް ފުޅިއެވެ. ނަމަވެސް އައު ޝިޕްމަންޓްތައް ލިބެންފެށުމާއެކު ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އަދި އެ ކުންފުނިން ދަނީ ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ހިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ކަމަށް ވަނީ ބުނެފައެވެ. އަދި އެކަމުގައި ހާއްސަ އިސްކަމެއްދީގެން އެކަންކަން ވަރަށް ގާތުން ބަލަމުންގެންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ގޭސް ލިބުމުގައި ދަތިތަކެއް ދުނިޔޭގެ ބާޒާރާއި ސަރަހައްދީ ބާޒާރުގައި ވަނީ ދިމާވެފައެވެެ. ކައްކާ ގޭހުގެ ސަޕްލައިއަށް ލޮޅުންތަކެއް ވަނީ އަރާފައެވެ.

