ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގައި ޓެކްސީ ލައިންގެ ހިދުމަތް ހިލޭ ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
ޖުމްލަ 150 ކާރާއެކު މި ޚިދުމަތް ފަށާފައިވާއިރު، މިއީ އާރްޓީއެލް ފެރީގެ ޚިދުމަތްތައް ދޭ އުސޫލުން ޚިދުމަތް ތަޖުރިބާކުރުމަށް ހުޅުވާލި ފުރުޞަތެކެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މި ތަޖުރިބާ ހަފުތާގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ޚިޔާލު ހޯދުމާއި، ޚިދުމަތުގައި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމެވެ.
އެމްޓީސީސީއިން ބުނީ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އިފްތިތާހް ކުރެވުނު މާލެ ޓެކްސީ ލައިންގެ ހިދުމަތް މިއަދުން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މުއްދަތުގައި ޓެކްސީ ބުކް ކުރެވޭނީ ހަމައެކަނި ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންނެވެ. ވެބް އެޕްލިކޭޝަން "maletaxi.web.app" މެދުވެރިކޮށް ކާރު ނެގޭނީ ތަޖުރިބާ ހަފުތާއަށް ފަހުގައެވެ. މީގެ އިތުރުން، ޚިދުމަތަށް އިތުރު ލުއިފަސޭހަކަމެއް ގެނައުމަށްޓަކައި ފޯން އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
މާލެ ޓެކްސީގެ ކާރުތަކުން މަގުމަތިން އަތް ނަގައިގެން ދަތުރުތައް ނުނަގާނެކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ ސަބަބަކީ މިއީ ޒަމާނީ ޓެކްނޮލޮޖީއާއެކު ޓްރެކްކޮށް، މޮނިޓަރކޮށްގެން ދޭ ރޭވުންތެރި ޚިދުމަތަކަށް ވާތީއެވެ. އެގޮތަށް ހަމަޖެއްސުމުން، މުދާ ގެއްލުން ފަދަ ކަންކަމުން ސަލާމަތްވެ، ކަސްޓަމަރުންނަށް ރައްކާތެރި އަދި ހިތްހަމަޖެހޭ ތަޖުރިބާއެއް ލިބިގެންދާނެއެވެ.
މި ޚިދުމަތުގައި ހަރަކާތްތެރިވާ 400 އަށްވުރެ ގިނަ ޑްރައިވަރުންނަކީ އެކަމަށް ޚާއްޞަ ތަމްރީންތަކެއް ދީފައިވާ މުވައްޒަފުންނެވެ. 24 ގަޑިއިރު ޚިދުމަތް ލިބޭނެ މި ޓެކްސީ ލައިންގެ ދަތުރުތައް މިވަގުތު ކުރާނީ މާލެ، ހުޅުލެ އަދި ހުޅުމާލެއަށެވެ. ނަމަވެސް ވަރަށް އަވަހަށް ވިލިމާލޭގައިވެސް 5 ކާރު ބޭނުންކޮށްގެން ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީއިން ބުނީ، އެ މުއްދަތުގައި އެ ހިދުމަތް ފުރިހަމަ ކުރުމަށް ކަސްޓަމަރުންދޭ ހިޔާލްއާއިއެކު އެ ހިދުމަތް ފުރިހަމަ ކުރުމަށް އެ ކުންފުނިން މަސައްކަތްކުރާނެ ކަމަށެވެ.
މާލޭގައި އާއްމު ދަތުރުފަތުރު ކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމުގެ މަގްސަދުގައި ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ރޭ ވަނީ ފަށާފައެވެ.
ސެންޓްރަލް ޕާކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

