logo

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު 87 އިންސައްތަ އިތުރު

އާމިނަތު މޫސާ
5 ދުވަސް ކުރިން

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ. މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަންތްލީ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ 87 އިންސައްތަ އިތުރުވެފައެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ވަނީ ޖުމްލަ 69,564 މެޓްރިކް ޓަނުގެ މަސް ރާއްޖެ އިން ވަނީ އެކްސްޕޯޓު ކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކުރި 37,213 މެޓްރިކް ޓަނާ އަޅާބަލާއިރު 87 އިންސައްތަ އިތުރު އަދަދެކެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން 2025 ވަނަ އަހަރު ފިނިކުރި ނުވަތަ ގަނޑުކުރި މަހުގެ ގޮތުގައި އެކްސްޕޯޓްކޮށްފައިވާ މަހުގެ އަދަދު ވަނީ 105 އިންސައްތަ އިތުރުވެފައެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ގަނޑުކުރި މަހުގެ ގޮތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 61،281 މެޓްރިކް ޓަނުގެ މަހެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 29،910 މެޓްރިކް ޓަނުގެ މަހެވެ.

މީގެ އިތުރުން، ދަޅުގައި ނުވަތަ ޕައުންޗްގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ 5,289 މެޓްރިކް ޓަނުން 5,788 މެޓްރިކް ޓަނަށް އިތުރުވެފައެވެ. މިއީ 9.4 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޕްރޮސެސްކޮށްގެން ބޭރުކުރި މަހުގެ ބާވަތްތައް 34.9 އިންސައްތަ އިތުރުވެ، މިދިޔަ އަހަރު 1,745 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުގެ ބާޒާރުތަކަށް ފޮނުވާފައެވެ.

ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި، މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމާއި، ވެލިއު އެޑްކޮށްގެން މަހުގެ އުފެއްދުންތައް ބޭރުކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ad