logo

އެކި ސަބަބުތައް ދިމާވެ ނުފުރުނު އުމްރާވެރިން މިހާރު ސައުދީގައި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

‏އެކި ސަބަބުތައް ދިމާވެގެން ނުފުރުނު ޢުމްރާވެރިން މިވަގުތު ތިބީ ސަޢުދި ޢަރަބިއްޔާގައި ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖުކޯޕްރޭޝަން މިއަދު ބުނީ އޭގެތެރޭގައި އަމިއްލަ ގްރޫޕަކުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު އިންތިޒާމު ހަމަޖައްސާފައި ނުވާ އިތުރު 30 މީހަކުވެސް ވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ގޮސްފައިކަމަށެވެ.

މި ރޯދައާ ދިމާކޮށް އުމްރާގެ އަޅުކަމަށް ފުރަން ތައްޔާރުވި ބައެއް މީހުންނަށް ފުރޭ ގޮތް ނުވި އެވެ. އަލްއަބްރާރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ރަމަޟާން މަހު އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ ބައެއްގެ ދަތުރު ކެންސަލު ކުރިއެވެ. އެކަން ކުރީ އިޒްރާލާއި އެމެރިކާއިން މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅުވަ އެވެ. ނަމަވެސް ކެންސަލުކުރީ މަގުބޫލު ސަބަބެއް ނެތި ގަވާއިދާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން، ފްލައިޓްތައް ކެންސަލް ވުމުގެ ސަބަބުންވެސް ބައެއް މީހުންނަށް އުމްރާގެ އަޅުކަމަށް ސަޢުދީއަށް ނުފުރި ތިބިކަމަށް މީގެ ކުރިން އިސްލާމީ ކަންތައްތައްކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

އެ އެންމެން ފުރުވުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައުވާއިރު، ވަޒީރު ޝަހީމް އިއްޔެ ވިދާޅުވީ އުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން ރޭ އުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައި ކަމަށް ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާތައް ދެމުންދާ މި ދުވަސްވަރުގައި، މެދުއިރުމަތީ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރަށް ވަނީ ބޮޑު ބުރުލެއް އަރައިފަ އެވެ. އެހެންވެ ގިނަ އަދަދެއްގެ ފަތުުރުވެރިން ރާއްޖޭގައި ތާށިވެފައިވެސް އެބަތިއްބެވެ.

އެގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން އުމްރާއަށް ދާ މީހުންނާއި އަޅުކަމުގައި ސައުދީ އަރަބިއްޔާގައި ތިބި މީހުން ސަމާލުވުމަށް އިސްލާމީ ކަންތައްތައްކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ad