logo

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ މަސައްކަތް ފަށައިފި

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެއްގަމު ތޮށީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީން އެންމެ ފުރަތަމަ ފަށާފައިވަނީ މިހާރު އޮތް އެއްގަމު ތޮށީގެ ކޮންކްރީޓް ތަޅާލައި، ނެގުމުގެ މަސައްކަތެވެ. މި މަސައްކަތް މިވަގުތު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލާ އިންވެގެން އޮންނަ ޖެޓީ ސަރަޙައްދުގައެވެ. އެ ސަރަޙައްދުގައި މަސްވެރިންގެ ޕާކާ ހަމައަށް، ދޯނިތައް ކައިރިކުރާ ހުރަސް ތޮށި ހިމެނޭހެން މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކީގައި، މަގު ފުޅާ ކުރާ ސަރަޙައްދާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައްވެސް އެކު އެކީގައި ވަނީފަށާފައެވެ. ގާތްގަނޑަކަށް 2-3 މީޓަރު މަގުން ފުޅާކުރާނެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި މަސައްކަތް ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ. މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އާކޮށް، ތަރައްޤީކުރެއެވެ.

އެމްޓީސީސީން ބުނީ މަގުގެ މި ސަރަޙައްދު ފަރުމާކޮށްފައިވަނީވެސް، މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށްކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.

މި މަޝްރޫޢުގެ ދަށުން މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ޤާއިމްކުރުމާއި، ޕޭމަންޓް ހެދުމާއި އަދި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. ނަމަވެސް، މި ސަރަޙައްދު ތަރައްޤީ ކުރި ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަޙައްދަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމުލަ 380 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކޮށް ނިންމާފައެވެ.

ad