ކުރިއަށްއޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި، އިންތިހާބަކާ ނުލާ ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިޢުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، އިންތިޚާބަކާ ނުލާ ދާއިރާތައް ކަށަވަރުވި ކެންޑިޑޭޓުންގެ މަޢުލޫމާތު ހާމަކޮށްފައެވެ.
ނަން އަނބުރާ ގެންދިއުމަށް އޮތް މުއްދަތުގައި ޖުމްލަ 67 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން 31 ފަރާތަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ ކެންޑިޑޭޓުންނެވެ. ކައުންސިލްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދިޔައީ 36 ކެންޑިޑޭޓުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އިންތިޚާބަކާ ނުލާ އެންމެ ގިނަ ގޮނޑި ކަށަވަރުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއެވެ. އެ ޕާޓީއަށް 69 ގޮނޑި ވަނީ އިންތިޚާބަކާ ނުލާ ކަށަވަރުވެފައެވެ. އިދިކޮޅު އެމްޑީޕީއަށް އިންތިޚާބަކާ ނުލާ ކަށަވަރުވެފައިވަނީ 6 ގޮނޑިއެވެ.
ކައުންސިލް އިންތިހާބުގައި އިންތިހާބަކާއު ނުލާ ގޮނޑިލިބުނު ޕާޓީތައް:
• ޕީއެންސީ: 28 ގޮނޑި
• އެމްޑީޕީ: 1 ގޮނޑި
• އަދާލަތު ޕާޓީ: 1 ގޮނޑި
• އަމިއްލަގޮތުން: 3 ގޮނޑި
އަންނެހުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބު
• ޕީއެންސީ: 41 ގޮނޑި
• އެމްޑީޕީ: 5 ގޮނޑި
• އަދާލަތު ޕާޓީ: 1 ގޮނޑި
• އަމިއްލަގޮތުން: 2 ގޮނޑި
ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294,937 މީހުންނަށް ލިބެއެވެ.

