މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އަންދާޒާކުރިވަރަށްވުރެ އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ ކުރިން ލަފާކުރި މިންވަރަށްވުރެ %16 އިތުރުވެފައެވެ.
އެޕްރީލް މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ ޖީއެސްޓީއެވެ. އެގޮތުން 1.7 ބިލިޔަން ރުފިޔާ (63.6 އިންސައްތަ) ޖީއެސްޓީގެ ގޮތުގައި ލިބިފައިވެއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 185 މިލިޔަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 178 މިލިޔަން ރުފިޔާ، އަދި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ކޮންމެ ބަޔަކުން 152 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 129 މިލިޔަން ރުފިޔާއެވެ.
މިދިޔަ އެޕްރީލް މަހު ދައުލަތަށް ޖުމްލަ 2.63 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި 120.70 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 0.3 އިންސައްތައިގެ ކުޑަ ދަށްވުމެކެވެ. އާމްދަނީއަށް އައި މި ބަދަލުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިން އައި މިންވަރު 19.8 އިންސައްތަ ދަށްވުމާއި، ސީއެސްއާރް ފީ އަދި ޓެކްސް އާމްދަނީން ލިބުނު މިންވަރު މަދުވުން ކަމަށް މީރާއިން ފާހަގަކުރެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު މަދުވާނެތީ، އެޕްރީލް މަހުގެ އާމްދަނީ ދަށްވާނެ ކަމަށް މީރާއިން ކުރިން ލަފާކުރި ނަމަވެސް، އަންދާޒާ ކުރި ވަރަށްވުރެ އާމްދަނީ ވަނީ 16.6 އިންސައްތަ އިތުރުވެފައެވެ. މިއީ ޖީއެސްޓީ، ވޯކް ޕާމިޓް ފީ އަދި ފަތުރުވެރިކަމުގެ ކުލީގެ އިތުރުން، މުހްލަތު ހަމަވެފައި ހުރި ޓެކްސް ފައިސާ ލިބުމުގެ ސަބަބުން އައި ކުރިއެރުމެކެވެ.
މީގެ އިތުރުން، ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން 543 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 372 މިލިޔަން ރުފިޔާއާއި، ޑިއުސް ކްލިއަރެންސް މެދުވެރިކޮށް ލިބުނު 96 މިލިޔަން ރުފިޔާ ހިމެނެއެވެ. އަދި އިންސްޓޯލްމަންޓް އުސޫލުން 64 މިލިޔަން ރުފިޔާ، ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދުމަކޮށްދީގެން 5 މިލިޔަން ރުފިޔާ، އަދި އިތުރު ފިޔަވަޅުތައް އަޅައިގެން 4 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.


