logo

ދަރިފުޅަށް ދެ އަހަރު ވަންދެން ކުއްޖާ ބެލުމަށް ވަގުތު ލިބޭނެ, ބިލް ރައީސް ތަސްދީގު ކުރައްވައިފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ވަޒީފާއާބެހޭ ޤާނޫނަށް ނުވަ ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ މި މަހުގެ އަށް ވަނަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ޢުމުރުން ދެ އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ޑިއުޓީ ގަޑިން ވަގުތު ދިނުމަށް ކަނޑައެޅުމެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.

މި އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުން ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމެވެ. އަދި ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ވަޒީފާދޭ ފަރާތާއި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީވެސް މި ބިލުގެ މަޤްޞަދެކެވެ.

ބިލުގައިވާ ގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ވަކި ވިޔަފާރިތަކެއް ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމުގެ އިޚްތިޔާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ. މިއީ ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ގެނެވުނު މުހިންމު ބަދަލެކެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

ad