މިއަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި 15 މިލިޔަން ރުފިޔާ ލިބިފަވާކަމަށް މޯލްޑިވްސް ޒަކާތު ހައުސިންއިން ހާމަކޮށްފިއެވެ.
ޒަކާތު ހައުސްއިން ބުނީ، މިއަހަރުގެ ރޯދަމަހަކީ މިދިޔަ 3 އަހަރާ އަޅާބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ޒަކާތް ލިބުނު އަހަރު ކަމަށެވެ. މިއަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ ބަހާފައެވެ.
ޒަކާތު ހައުސިން ޙިއްސާކޮށްފަވާ މަޢުލޫމާތަށް ބަލާއިރު، ފިޠުރު ޒަކާތުގެ ގޮތުގައި 15،009،749 ރުފިޔާ ވަނީ ލިބިފައެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ލިބުނު އަދަދުތަކަށް ބަލާއިރު، 2025 ވަނަ އަހަރު 13.5 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު ލިބިފައިވަނީ 12.5 މިލިޔަން ރުފިޔާއެވެ. އަދި 2023 ވަނަ އަހަރު ލިބިފައިވަނީ 12.6 މިލިޔަން ރުފިޔާއެވެ.
މިއަހަރުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ ބަހާ ނިންމާފައެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި، މިއަހަރު ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ބޮލަކަށް 6,000 ރުފިޔާ ޖެހިފައިވެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބެހި ފަހަރެވެ.
ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި ފަޤީރުންނާއި މިސްކީނުންގެ އިތުރުން، ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ. ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ޖުމްލަ 13,896,000 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފަށައިގެން އޮންލައިންކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި ދިރާގު، އުރީދޫ، ބީއެމްއެލް، އެމްއައިބީ، ފަހިޕޭ، އަވަސް އެޕް އަދި ބަނޑޭރި ޕޭ ހިމެނެއެވެ. މީގެ އިތުރުން، ފެބްރުއަރީ 22 އިން ފެށިގެން ޑެސްކް ބަހައްޓައިގެން ނަގުދު ފައިސާއާއި ކޭޝް ކާޑުން ވެސް ޒަކާތް ބަލައިގަނެފައިވެއެވެ.

.jpg&w=3840&q=75)