ދިވެހިންނޭ ބުނެފިނަމަ މިއީ ހާދަ ތަފާތު ބައެކެވެ. ތަރައްގީއާއި އެއްވަރަށް ދިވެހިން ކުރިއެރީ އެއްކަމަކުން ދެ ކަމަކުންނޫނެވެ. ސަތޭކަކަމަށް ވެސް ދިވެހިންތިބީ ގަދަކޮށެވެ. ކަންމަތީ ޖޯލިތަކުން ނުކުތް ޖީލުގެ މީހުން އަތަށް ހެޔޮވަރުކޮށްލި ސްމާޓް ފޯނާ އެކު ދިވެހިން އުދުހިގަތީ ޖައްވަށް ހަވާއަށް ފަޒާއަށެވެ.
އެއްކަލަ ސްމާޓް ފޯނާއި އެކު ދެންވީ ގޮތަކީ ވަރަށް މޮޅު ގޮތެކެވެ. މަ ދައްކާވާހަކަ އެނގެނީ މި ރަށު މީހާއަށް އެކަނި ނޫން ކަމަށްވާތީ ހިތުހުރި އެއްޗެއް ބޭނުން ކޮންމެ ވަގުތަކު ފޯނުން ގޮވަން ފެށީ އެންމެންވެސް ބައިވެރިވެގެންނެވެ. ސްޓޭޓަސްތައް ތަރަތަރަޖަހަން ފެށީއެވެ. ލައިކް ކޮމެންޓް އޮއްސަން ފެށި ވަރަކަށް ފޯރި ގަދަވާން ފެށީއެވެ. އައްދެ! މީއީ އަދި މާ ސަޅި ކުޅަދާނެ ގޮތެކޭ ހިތަށްއަރާފަ ކަންމަތީ ބީތާއިންހެން ތިބެ ލޮލަށް މޮހޮރުޖެހިޔަސް ނޭގޭހާ ވަރަށް ފޯރި އަރުވަން ފެށީއެވެ. ދެންވީ ގޮތް ނިކަން ބަލާލަމާ ހިނގާށެވެ.
ދިވެހިން މޮޅީ އެއްކަމަކުން ދެކަމަކުން ނޫން ކަން ކުރިންވެސް ފާހަގަކުރީމެވެ. އާދެ! ދައްކަން މިއުޅޭ ވާހަކައާއެކު ހުރިހާވެސްކަމަކުން މޮޅު، ދިވެހިންގެ އަސްލު ވިސްނުމާއި އެމީހުންގެ މޮޅު ހުނަރުން ދައްކާ މަންޒަރުން އަޅެ ފަހެ އަޖައިބެއް ނުވޭ ހެއްޔެވެ. ދިވެހިންނޭ ބުންޏަސް މިއީ ހުރިހާ ދިވެހިން ހިމެނޭ ވަހަކައެއް ނޫނެވެ. އެކަމަކު ކާށިކާނީ ހުރިހާ މީދަލަށް ވާހެން 'ދިވެހިން' މިލަފްޒް މިތަނުގައި ބޭނުންކޮށްލީއެވެ. ހެނދުން އެޅުމުގެ ވައްޓަފާޅިއާއި ހިނގާ ގޮތާއި ސަލާން ކުރުމާއި އަތުގެ ހަރަކާތްތަކާއި އަނެއްހެން ބުނާނަމަ ފޭޝަލް ރިއެކްޝަނަށްވެސް އެއްވަނަ، ދިވެހިންގެ މޮޅު ހުނަރުހެ ވާހަކައާއިގެން އަޅުގަނޑުވެސް ޝާމިލްވާހެން ކުރިއަށްދަމާ ހިނގާށެވެ.
ދައްކަންމިއުޅޭ ވާހަކައަކީ އެއްކަލަ ސްމާޓް ފޯނުން ކުޅަދާނަ ސްޓޭޓަސް ޖަހާ މީހުންގެ ވާހަކައެވެ. އެކުރާ މޮޅުކަންކަންކަމަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހައްތާވެސް ކަންމަތީ އާންޓީންނެވެ. ނުބުހޭކަ ކަމެއް ނޯވެއެވެ. ނުކިޔާކަ ފާޑެއް ނޯވެއެވެ. ދެންހުންނަ މިހާ ފިޔަވަޅުވެސް އަޅަންޖެހޭނީ މި ބުނާ މީހުން ރުހޭ ގޮތަށެވެ. އެކަމަކު އެކަން ކުރާނީ ކިހިނެެއް ހެއްޔެވެ؟ ގިނަ ފަހަރަށް މި މީހުންނަށް ރަނގަޅު އެއްގޮތެއްވެސް ނޯވެއެވެ.
މި ފަސްލައްކަ އާބާދީގައި އުޅޭ އެންމެން ރުހޭނޭ އެއްގޮތެއްވެސް ނޯންނާނެއެވެ. ހަމަ ރަނގަޅީ އެމީހަކު އުޅޭނެ ގޮތަށް އުޅުނިއްޔާތާއެވެ. އެކަމަކު ދިވެހިންގެ ގޮތް ދަންނާނީ ދިވެހިންނެވެ. މިކަން ދަސްކުރާކަށް ބޭރުބަޔަކު މިތާ ޓެންޓްޖަހައިގެން ނުތިބޭނެ ނޫން ހެއްޔެވެ. ދިވެހިންގެ މި ބުނާ މޮޅު ގޮތްގަނޑު ބޭރު ކަރަޔަކުން ނުވަތަ ބޭރު ދުރު ހިސާބަކުން އަންނަ މީހަކަށް ވެސް ނޭނގޭނެތާއެވެ. ވީވެސް އެހެންނެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެ ވަޑައިގަތީ ދިވެހިންގެ ގޮތް ބަލާފައެއްނޫނެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ރައީސްގެ ދައުވަތަކަށެވެ. އެ ދައުވަތުގައި ހެނދުން އަޅާނެ ގޮތް އޮތްނަމަ އެގޮތަށް އެކަން ޑިސަނާޔަކެވެސް ކުރާނެތާއެވެ. ޑިސަނާޔަކެ ރާއްޖެ ވަޑައިގަތުމާއެކު ރައީސް އޮފީހުން ދޫކޮށްލި ވީޑިއޯތަކުން ފުރަތަމަވެސް ދިވެހިންގެ ލޮލުގަ އަޅައިގަތީ އެމަނިކުފާނުގެ ހެނދުން ކޮޅެވެ. ރާއްޖޭގެ ވެރިން ހެނދުން ތުރުކުރައްވާ ގޮތް ނޫންވީމައެވެ. ވެރިއަކު މާ އާދައިގެ ގޮތެއްގައި ހުންނެވީމަވެސް އެހެންއެކަން ވެދާނެތާއެވެ. އެމަނިކުފާނު ތުރުކުރައްވައިގެން ހުންނެވި ހެނދުންކޮޅުގައި ރޫ އަރާފައިވާތަން އެތައްބައެއްގެ ލޮލަށް ކަށި ހަރާލިފަދައެވެ. ސޯޝަލް މީޑިއާއިން ފެނުނު މަންޒަރުތަކުން ލޮލަށް ބަލަން ފަސޭހަ ނޫން ކަމަށްވިޔަސް ގައުމުތަކުގެ ރައީސުން ރާއްޖެ ވަޑައިގަންނަވާއިރު ހެނދުން ތުރުކުރައްވަން ވަކި އުސޫލެއް ނޯންނަނީ ބާއޭވެސް ބައެއް ސްޓޭޓަސްތަކުގައި ސުވާލުކޮށްފައި ހުއްޓެވެ.
ސޯޝަލް މީޑިއާގައި އެއްކަލަ ކަންމަތީ ޖޯލިތަކުން ނުކުމެ އަތަށް ސްމާޓް ފޯނު ހެޔޮވަރުކޮށްލި ޖީލު، ޝުއޫރުތައް ބަންޑުން ކުރުމުގަ އަވަދިނެތި އުޅެނިކޮށް ޑިސަޔަނެކެ ރާއްޖެވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ސަރުކާރުން ކިޔައިފިއެވެ. ރާއްޖޭގެ ރައީސްވެސް ހުންނެވީ އެމަނިކުފާނަށް މަރުހަބާ ދަންނަވަން ވަޑައިގެންނެވެ. އެމަނިކުފާނުގެ މަރުހަބާގެ ލަވަވެސް ވަރަށް ފުރިހަމައެވެ.
(ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމުން އެއަރޕޯޓުން މަރުހަބާ ދެންނެވުމުގެ ހަރަކާތުހެ ތެރެއިން)
އެކަމަކު ޑިސަޔަނެކެ ހެނދުންކޮޅު ތުރުކުރައްވައިގެން ހުންނެވިގޮތް މިބުނާ ދިވެހިންނަކަށް ކަމަކު ނުދިޔައެވެ. ތުރުކުރައްވައިގެން ހުންނެވި ގަމީސް ކޮޅަށްވެސް ފާޑު ކިޔަނީއެވެ. އެކި މީހުންގެ ޝުއޫރު ތަފާތެވެ. ސޯޝަލް މީޑިއާގައި މަޝްހޫރު ލޫކަސް ޖަލީލު މިކަމާމެދު ޖެހި ސްޓޭޓަސް ވަރަށް ހިނގައިފިއެވެ. އޭނާގެ ޚިޔާލުވެސް މޮޅެވެ. "ރޫޖެހިފައިވާ ގަމީހެއް ލައިގެން ވަރަށް އާދައިގެ ގޮތެއްގައި ރާއްޖެ އެ ވަޑައިގަތީ ސްރީލަންކާގެ ރައީސް އެވެ. އޭނާގެ ގައުމު އޮތް ހާލަތު އޭނާއަށް އެނގެއެވެ. ސަރުކާރުގެ ހަރަދުތައް ކުޑަ ކުރިއެވެ. އެންމެ އާދައިގެ މީހުންގެ ތަކުލީފުތަކަށް ލުއި ގެނައެވެ. އަމިއްލަ އުފެއްދުންތެރިކަން ދަނީ އިތުރުކުރަމުންނެވެ. ބަނގުރޫޓް ވުމާ ގާތުގައި އޮތް ގައުމު މިއަދު ދަނީ އިގްތިސާދީ ކުރި އެރުން ހޯދަމުންނެވެ. ރައްޔިތުން ކައިރީ އިޑިއައްޕަނާ ކިރުގަރުދިޔަ ކާން ބުނެފަ ސަރުކާރުން ބޭކާރު ހަރަދުތައް ނުކުރެވެ. ލަންކާގެ ރައީސްގެ ކިބައިން ދަސްކުރަންވީ ފިލާވަޅަކީ މިއެވެ" ލޫކަސްގެ ސްޓޭޓަސްގަ ވެއެވެ.
އެހާ ހިސާބުން ރައްދުދޭން އެހެންމީހުންވެސް ފެށިއެވެ. ދެން ސަލާމަތެއް ނެތެވެ. އެކަކު ބުނަނީ މުންޑެއް ތުރުކުރެއްވިޔަސް އެވާހަކަ ދައްކާނެ ކަމަށެވެ. ތެދެކެވެ. ޖުލައި ފަންސަވީހުގައި ރާއްޖެ ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އިންޑިއާގެ ހާއްސަ ރަސްމީ ހެނދުން ކޮޅެއްގައެވެ. އެކަމަކު އެ މަނިކުފާނު ތުރުކުރައްވައިގެން ހުންނެވި ހުދު ހަރުވާޅާށްވެސް މީހުން ހަމަ ނިކަން ފާޑު ކިޔެވެ.
ލޫކަސްގެ ސްޓޭޓަސްގެ ބުނިހެން އަނޫރާ ކުމާރަށް އޭނާގެ ގައުމު އޮތް ހާލަތު ވަޒަންކުރެވެއެވެ. ސަރުކާރުގެ ހަރަދުތައް މަދު ދުވަސްކޮޅެއްގެ ތެރޭ ކުޑަ ކުރިއެވެ. އެންމެ އާދައިގެ މީހުންގެ ތަކުލީފުތަކަށް ވެސް ލުއި ގެނައެވެ. އަމިއްލަ އުފެއްދުންތެރިކަން ދަނީ އިތުރުކުރަމުންނެވެ. ބަނގުރޫޓް ވުމާ ގާތުގައި އޮތް ގައުމު މިއަދު ދަނީ އިގްތިސާދީ ކުރި އެރުން ހޯދަމުންނެވެ. ހަމަ ޑިސަޔަނެކެގެ ވެރިކަމުގައެވެ.
އެކަމަކު ރާއްޖެ ވަޑައިގެންނެވިއިރު ތުރުކުރެއްވި ހެނދުން ރޫއަރާފައިވާތީ އެކަން ހިނގިގޮތް ބަލާލަން ޖެހޭނެ ތާއެވެ. ލަންކާއިން ރާއްޖެ އަށް އައުމަށް ކުރަނީ ދޮޅު ގަޑިއެއްހާ އިރުގެ ދަތުރެކެވެ. ދަތުރުމަތީ ގައިމު ހުންނަވާނީ ކޮށްޅަކަށް ނޫނެވެ. އެހެންކަމުން އިސްތިރިކޮށްފައި އޮތް ގަމީސްކޮޅެއް ތުރުކުރެއްވިޔަސް ފޮތީގެ ގޮތުން އިށީނދެވަޑައިގަތުމުން ރޫއަރާނެ ކަމަށް ބެލެވެއެވެ.
ދެން މިޖެހުނީ އަނޫރާ ޑިސަޔަނެކެ އާންމުކޮށްވެސް ހެނދުން ތުރުކުރައްވާގޮތްވެސް ބަލާލަންތާއެވެ. އެމަނިކުފާނުގެ ފޭސްބުކު ޕޭޖް އަދި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތައް ވެސް ބަލައިފީމެވެ. ފެންނަނަނީ ހަމަ އެފަދަ ހެނދުނުން ކޮޅުގައި ރަސްމީ ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާތަނެވެ.
އާދެ! އެއީ ހިތްތިރި ރައީސެއްކަން ވަރަށް ބޮޑަށް ސާފުވިއެވެ. އަބަދުވެސް އާދައިގެ ގޮތްތަކަށް ލޯބިކުރައްވާކަން ނިކަން ފާހަގަވިއެވެ. އެމަނިކުފާނު ތުރުކުރައްވައިގެން ހުންނެވީ އަނޫރާ ޑްރެސް އެވެ. އެއީ އަބަދުވެސް ހުރިހާ ހަރަކާތެއްގައިވެސް އެމަނިކުފާނު ބޭނުންކުރައްވާ ހެނދުންކޮޅެވެ. އެކަމާ ލަންކާގެ ރައްޔިތުން ނިކަން ރުހެއެވެ.
ވީމާ ދިވެހިން އެކަމާ ނުރުހެންވީ ކީވެއްވެތޯއެވެ. އަނެއްކާ އަގުބޮޑު ހެނދުން ކޮޅެއް ރާއްޖޭގެ ރައީސް ތުރުކުރެއްވިޔަސް އެއޮތީވެސް ކަމަކާ ޖެހިފައެވެ. އެންމެފަހުން އަޑުއިވުނީ ރައީސްގެ ބޫޓްކޮޅު ނިކަން އަގުބޮޑު ކަމުގެ ވާހަކައެވެ. ދެން ބުނަނީ ރާއްޖެ އޮތީ ދަރާފަކަމަށެވެ. ތެދެއްމެއެވެ. ރާއްޖެ އޮތީ ދަރާފައެވެ. ކޮރަޕްޝަނުގެ ހާއްޔެގެ ގޮތުގައި އޮތް ރާއްޖޭގެ ދަރަނި އިންތިހާއެވެ. އެކަމަކު ރާއްޖޭގެ ރައީސް އާދައިގެ ހެނދުންކޮޅެއް ތުރުކުރެއްވިޔަސް ޔަގީން ކަމަކީ ދިވެހިންނަށް ކަމުނުދާނެ ކަމެވެ. ކިޔާނެހާ އެތިވަފު މިހާރުވެސް އަޑުއިވޭފަދައެވެ. ކަންމަތީ ޖޯލިތަކުން ނުކުމެ އަތަށް ހެޔޮވަރުކޮށްލި ސްމާޓް ފޯނާއިއެކު ދިވެހިންގެ މިސްރާބު މިދަނީ އަދަބު އަޚްލާޤާއި ތަހުޒީބާ ދުރު މިސްރާބަކަށްހެން ހާދަހާ އެބަ ހީވެއެވެ. އަޅެ މިކަމާ ތި ކިޔުންތެރިޔާގެ ޚިޔާލަކީ ކޮބާހެއްޔެވެ