ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް މިހާރު ނުދެވި ހުރި އަތޮޅުތަކުގައި އޮގަސްޓް މަހުގެ ނިޔަލަށް އެ ހިދުމަތް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022 ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ، މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ. މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ދޭން ފަށާފައެވެ. އެއާއެކު މިހާރު 145 ރަށަކަށް ދަނީ މި ޚިދުމަތް ލިބެމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން އެކި ކުންފުނިތަކާއި މަސައްކަތް ހަވާލުކޮށް އެ ކުންފުނިތަކަށް ސަރުކާރުން ފައިސާ ދެއްކުމުގައި ލަސްތަކެއް އަންނަ ކަމަށެވެ. މި ޙިދުމަތް ނުދެވި މިހާރު ބާކީ ހުރީ ގާތްގަނޑަކަށް 4 އަތޮޅުކަމަށެވެ. މިކަމުގައި ދިމާވާ އެއް ދައްޗަކީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުމުގައި އަންނަ ދަތިތައްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާރު މި ޚިދުމަތް ނުފެށި ވަނީ، މ. އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ. އެންމެ ފަހުން އާރުޓީއެލްގެ ޚިދުމަތް ފެށީ ލ. އަތޮޅުގައެވެ. އެއީ މިދިޔަ މަހުގެ ތެރޭގައެވެ.
ރައީސް ވިދާޅުވީ މި ހިދުމަތް މިހާރު ފަށާފައިވާ އަތޮޅުތަކަށް ބޭނުންވާ ސްޕެއާ އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

