logo

ވާނުވާ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: ވަޒީރު އީހްސާން

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ވާނުވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންނާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ ވާނުވާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ޚާއްސަކޮށް ކްރިމިނަލް ކޯޓުގައި ހުއްޓިފައި ހުރި މައްސަލަތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ވާނުވާ މައްސަލަތަކަކީ ކުރީގެ ދުވަސްވެފައިވާ ހުރި މައްސަލަތައް ކަމުން އެ މައްސަލަތައް ނިންމުމަށް އެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުން އުންމީދު ކުރި ދުވަހަށް އަދި ހުރިހާ މައްސަލަތަކެއް ކުރިއަށް ނުދާކަމަށެވެ. އަދި މިހާރު ކުރިއަށް މިދާ ބާރު މިނުގައި ކުރިއަށް ދާނަމަ ހުރިހާ މައްސަލައެއް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރީގަ ދުވަސް ވެފައި ހުރި މައްސަލަތައް މިހާރު ކުރިއަށް އެބަދޭ. އެެހެންނަމަވެސް އަޅުގަނޑުމެން އުންމީދު ކުރި ދުވަހަށް އަދި ހުރިހާ މައްސަލަތަކެއް ކުރިއަކަށްނުދޭ. ނަމަވެސް މިދާ ޕްރޮގްރެސްގަ ދާނަމަ އިރާދަކުރެއްވިއްޔާ ހުރިހާ މައްސަލައެއް ވަރަށް އަވަހަށް ނިންމާލެވޭނެ." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން، ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދު މުރާޖަޢާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުންވެސް ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 21 ވަނަ ދުވަހު ވަނީ ހާމަކޮށްފައެވެ.

ވާނުވާ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅަކަށްވާ އިރު އެކި މައްސަލަތަކުގެ ތަޙުޤީޤަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ ޓެގް އަޅުވާފައި ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަތަކާއި ހަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

"ވާނުވާ" ނުވަތަ ރިމާންޑް ބަންދުގައި ތިބީ ޖުމުލަ 408 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެރެރިޒަމްގެ ދަޢުވާކޮށްފައިވާ 20 މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުޙުމަތުގައި ދަޢުވާކޮށްފައިވާ 117 މީހުންނާއި ގިނަ އަދަދެއްގެ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 116 މީހުންނާއި މަރުގެ މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 29 މީހުންނާއި އެހެނިހެން އަނިޔާވެރި ބޮޑެތި މައްސަލަތަކުގައި ދަޢުވާކޮށްފައިވާ 126 މީހުންނެވެ.

ވާނުވާ ބަންދަކީ، ތަޙުގީގު ކުރިއަށްދާއިރު، މީހާގެ ފަރާތުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށާއި، ހެއްކަށް ނުފޫޒު ފޯރުވުމާއި އަދ ތަޙުޤީހަށް ފިލާފާނެތީ ބަހައްޓާ ބެހެއްޓުމެކެވެ.

ad