ކުދި އަދި މެދު ފަންތީގެ ފިޔަފާރިތަކުން ބިދޭސީން ގެނައުމުގެ ކޯޓާއަށް ދިން ލުޔާއެކު، 30،000އަށްވުރެ ގިނަ ވިޔަފާރިއަށް ކޯޓާ ފީގެ ލުއި ލިބޭނެކަމަށް، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާފީ، 20 ކޯޓާ އާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނައީ މިމަހުގެ 1ވަނަ ދުވަހުއެވެ.
މި ބަދަލަކީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއިއެކު ބޭއްވެވި ބައްދަލުވުމުގައި އެފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށާއި، ރާއްޖޭގެ ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތައް ޖަނަވަރީ 1 އިން ފެށިގެން ތަންފީޒު ކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގެނެވިފައިވާ ބަދަލެކެވެ.
މި ގެނެވުނު ބަދަލާއެކު ގާތްގަނޑަކަށް 30 ހާހަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުޔެއް ލިބިގެންދާނެ އެވެ. ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި ކޯޓާއަކަށް އަހަރަކަށް 2000 ރުފިޔާ ދައްކަންޖެހެ އެވެ.
މީގެ އިތުރުން، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް މިލުއި ގެބޭނުން ހިފިޔަ ނުދިނުމަށްޓަކައި، އެއްހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕަރޓްނަރުން ހިމެނިގެން ހިންގާ ވިޔަފާރިތަކަށް މިލުއި ތަކުރާރު ނުވާނެ ގޮތަށްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފަ އެވެ. އަދި މިބަދަލު ގެނައުމުން، މިކަމުގައި ވަޒީފާ ދޭ ފަރާތުން ކަން ކުރަންޖެހޭ ގޮތްތައް އަންގައިދޭ ޔޫސަރ ގައިޑްލައިންތައް އެކްސްޕެޓް ސިސްޓަމްގައި ޝާއިއު ކުރެވެމުންދާނެއެވެ.
ދެ އަހަރު ތެރޭ ނިޒާމީ ގޮތެއްގައި މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސް، ރާއްޖޭގެ އިޤްތިޞާދުގައި މި ވިޔަފާރިތައް އަދާކުރާ ދައުރު ފުޅާކުރުމަށް ކަމާގުޅުންހުރި ވުޒާރާތަކާއި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެކަން ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ.

