logo

ސުކޫކަށްް ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ދައްކާ ހަލާސްކޮށްފިި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ސުކޫކަށް އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑާއި، ރިޒާވްގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން ދައްކާ ހަލާސްކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެފި އެވެ.

އެ ވުޒާރާއިން ވަނީ އެކަން ހާމަކޮށް ރޭ ބަޔާނެއް ނެރެފަ އެވެ. އެ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ސުކޫކުގެ ފައިދާގެ ގޮތުގައި ދައްކަަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން ދައްކަައި ހަލާސްކޮށްފައިވާ ކަމަށެވެ. މިދަރަނި އަދާކުރެވުމާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު ދަށްވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ސުކޫކަކީ ކުރިން ސަރުކާރުން ނެގި 250 މިލިއަން ޑޮލރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށ 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކެކެވެ. މި ސުކޫކު ވިއްކީ އެއިރުގެ މާލީ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑު އަގެއްގައިކަން ފާހަގަކުރުމާއެކު މާލީ ވުޒާރާއިން ބުނެފައިވަނީ އެ ސުކޫކު ވިއްކީ އަނބުރާ އެ ފައިސާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއްވެސް ނެތި ކަމަށެވެ.

ރާއްޖޭގެ އިގުތިސާދާއި މާލިއްޔަތަށް ދަތިތަކެއް ކުރިމަތިނުވާނެ ގޮތުގައި އެ ފައިސާ އަނބުރާ ދެއްކުމަށް މުހިއްމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށުނުކަން ވެސް މާލީ ވުޒާރާއިން ފާހަގަ ކުރެ އެވެ.

އެސްޑީއެފް ގައި ހުރި ފައިސާގެ އަދަދު 350 މިލިއަން ޑޮލަރަށް އިތުރުވެ ރާއްޖޭގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ވަނީ މި އަހަރުގެ މާޗު މަސް ނިމުނުއިރު ރެކޯޑު މިންވަރަކަށް އިތުރުވެ 1.3 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

ސުކޫކުގެ ފައިސާ ދެއްކުމަށްފަހު މިހާރު ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ ރާއްޖެއަށް ބޭނުންވާއި ތެލާއި ބޭހާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި މުދާ މެދުނުކެނޑި ރައްޔިތުންނަށް ލިއްބައިދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކަމުގައި ވެސް ވަނީ ބުނެފަ އެވެ.

އެގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިން، މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ދަނީ ހަމަޖެހެމުން ކަމަށާ އަދި މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވަރކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވިފައިވާ މަސައްކަތްތައް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް ވެސް މާލީ ވުޒާރާ އިން ބުންޏެވެ.

ad