logo

މުޅި ރާއްޖެއަށް ވައި ނުސާފު، ނުރައްކާ މިންވަރަށް ވައި ނުސާފުވެއްޖެ

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދުންފުހުގެ އަސަރު އިތުރުވެ، ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެއްޖެއެވެ.

ވައިގެ ނުސާފުކަން މިވަގުތު އެންމެ މަތީގައި އުޅެނީ ވިލިމާލެ ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި ވައިގެ ފެންވަރު ހުރީ 139 ގައެވެ. މިއީ "އޮރެންޖް އެލާޓް" ނުވަތަ ހާއްސަ ފަރާތްތަކުގެ ސިއްހަތަށްވެސް ނުރައްކާވާ ފަދަ ދަރަޖައެކެވެ.

"އައިކިއު އެއާ"ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވިލިމާލޭގެ ވައިގައި ހިރަފުސް ކުނޑި ނުވަތަ ޕީއެމް 2.5 ހުރީ 42.1 ގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 12 ގުނަ އިތުރަށެވެ.

ޚާއްޞަކޮށް ކުޅުދުއްފުށި ސިޓީގެ ވައިގެ ކޮލިޓީ ހުރީ 155 ގައެވެ. މިއީ ސިއްހީ ގޮތުން ނުރައްކާ އޮތް ކަމުގެ ރެޑް އެލަރޓްގެ މިންވަރެކެވެ. ރާއްޖޭގެ އެހެން ސިޓީތަކަށް ބަލާއިރު:

- އައްޑޫ ސިޓީ: 84 (މެދުމިން)
- ފުވައްމުލަކު ސިޓީ: 71 (މެދުމިން)
- ތިނަދޫ ސިޓީ: 66 (މެދުމިން)

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިއްޔެއާ އަޅާބަލާއިރު މިއަދު ދުންފުހުގެ އަސަރު ކޮންމެވެސް މިންވަރަކަށް ރަނގަޅެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވައިގެ ހާލަތު އަދިވެސް ގޯސްކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މާލެއަށް ދުރު ފެންނަ މިންވަރު ހުރީ ތިން ކިލޯމީޓަރުގައެވެ. ހދ. ހަނިމާދޫއަށް ހަތަރު ކިލޯމީޓަރު ދުރު ފެންނައިރު، ކައްދޫ އަދި ކާޑެއްދޫ ސަރަހައްދަށް ދުރު ފެންނަ މިންވަރު އުޅެނީ ނުވަ ކިލޯމީޓަރުގައެވެ.

މެޓް އޮފީހުން އިތުރަށް ލަފާކުރާ ގޮތުގައި، މިއަދާއި މާދަމާ ވެސް ވައިގެ ހާލަތު ގޯސްކޮށް އުޅުނު ނަމަވެސް، މާދަމާ ނޫން އަނެއް ދުވަހު (ބުދަ ދުވަހުން) ފެށިގެން ދުންފުހުގެ އަސަރު ކެނޑި، ވައި ސާފުވާން ފަށާނެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެތީ، ބޭރުތެރޭގައި އުޅޭ މިންވަރު މަދުކުރުމަށާއި، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށް ސިއްހީ މާހިރުން ލަފާދެއެވެ. މީގެ އިތުރުން ގޭތެރެއަށް ނުސާފު ވައި ވަނުން ހުއްޓުވުމަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަކީވެސް މުހިންމު ކަމެކެވެ.

ad