logo

ވަތަނީ ހިދުމަތަށް ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފި

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ފެއްޓެވި ދިވެހި ވަޠަނީ ޚިދުމަތަށް ޤާނޫނީ ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން "ވަޠަނީ ޚިދުމަތުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދެވެ. މިއީ ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް މަސައްކަތުގެ ދާއިރާގައި ޚިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ތަޢާރަފުކޮށް، އެ ޕްރޮގްރާމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

މި ބިލްގެ ދަށުން ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ހިންގުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ޕްރޮގްރާމްގައި ބައިވެރިވުމުގެ އުސޫލުތަކާއި، ފޯރުކޮށްދެވޭނެ ތައުލީމާއި ތަމްރީނުތަކުގެ އިތުރުން، މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ލިބޭނެ ހާއްސަ ފުރުސަތުތައް ބަޔާންކޮށްފައިވެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރު މިދިޔަ އަހަރު ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. ވަތަނީ ހިދުމަތުގެ ބިލުގެ އިތުރުން މިއަދުގެ ޖަލްސާއަށް މުހިންމު އެހެން ކަންތައްތަކެއްވެސް ވަނީ އެޖެންޑާ ކުރެވިފައެވެ. އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމާއި ރިޕަބްލިކް އޮފް ސާބިޔާ އަދި މޯލްޓާއަށް ރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމާ ގުޅޭގޮތުން ރައީސް ފޮނުއްވާފައިވާ މައްސަލަ ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެއެވެ.

މިއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށާއި ގައުމީ ސަލާމަތީ ހިދުމަތްތައް ވަރުގަދަކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހުށަހެޅޭ މުހިންމު ގާނޫނީ މަސައްކަތެކެވެ.

ad