logo

ގދ.ތިނަދޫ އިން ސަބްސިޑައިޒް އަގުގައި މިހާރު ތެޔޮ ލިބޭނެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ގދ.ތިނަދޫ އިން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް 22 އޭޕްރީލް 2026 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފް.އެސް.އެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް މި ވަނީ ހަމަޖެހިފައެވެ.

ސަބްސިޑައިޒް އަގުގައި ގދ.ތިނަދޫ އިން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދ.މީދޫ އިންވެސް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނޭ އިންތިޒަމް މިހާރުވަނީ ހަމަޖައްސާފައެވެ.

މި ހާލަތުގައިވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ މަތިން، ސަރުކާރުން ވަނީ މަސްވެރި، އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކަން ފަށާފައެވެ.

މާރޗް މަހުން ފެށިގެން ހުޅުމާލެ ކ.ހިންމަފުށި. ޅ. ފެލިވަރު، ގއ.ކޫއްޑޫ، ސ.ހުޅުދޫ މިފްކޯ އަދި އެފްއެސްއެމް ޝެޑުން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ވަނީ ފަށާފައެވެ. އަދި މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އަގު ހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން އެފްއެސްއެމްގެ ސްކިޑް ގާއިމް ކޮށްފައިވާ އިތުރު 9 ރަށަކުން އަގު ހެޔޮ ރޭޓެއްގައި މަސްވެރިންނަށް ތެޔޮ ލިބިގެން ދާނެއެވެ.

ad