ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް މިހާތަނަށް 9،500 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމުލަ 9،645 ފަރާތަކުން ވަނީ ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ކުރިމަތިލާފައިވަނީ ފްލެޓަށް އެދިއެވެ. އެގޮތުން ފްލެޓަށް އެދި 5،993 ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 3،234 ފޯމެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް 9،227 ފޯމު ހުށަހަޅާފައިވެއެވެ. އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ "ގޯތި ގެދޮރު" ޕްރޮގްރާމަށް މިހާތަނަށް 418 ފޯމު ވަނީ ލިބިފައެވެ. މީގެ އިތުރުން، ފޯމު ފުރުމުގެ މަރުހަލާ ނުވަތަ ޑްރާފްޓް މަރުހަލާގައި 13،279 ފޯމު އުޅޭ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އަދި އިތުރު 2 ޕްރޮގްރާމަކަށް އޭޕްރިލް މަހުގެ 1ވަނަ ދުވަހު ހުޅުވާލާނެއެވެ. އެއީ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ "ގެދޮރުވެރިޔާ" ޕްރޮގްރާމްގައި ހިމެނޭ 2 ކެޓަގަރީއާކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމަކީ ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެތެރެއިން، ވަކިން ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ދޭ ފުރުޞަތެކެވެ. ދެން ހިމެނެނީ ސަރުކާރުން ހިންގާފަވާ އަސަސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކުގެ ކެޓަގަރީއެވެ.
މި ކެޓަގަރީތަކަށް ފޯމު ހުށައެޅުމަށް ހުޅުވާލާނީ އޭޕްރިލް މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.
ސަރުކާރުން މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ ސްކީމްތަކަށްވެސް ކުރިމަތިލެވޭނީ އޭޕްރިލް މަހުގެ ނިޔަލަށެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންގެ ކެޓަގަރީ ހިމެނެއެވެ. ފޯމު ހުށައެޅޭނީ "ބޯހިޔާވަހިކަން" ހައުސިން ޕޯޓަލް މެދުވެރިކޮށެވެ.

