logo

ސަރުކާރުގެ އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަށް ޚާއްޞަކޮށްގެން ޕްރޮގްރާމެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ސަރުކާރުގެ އިދާރާތަކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަށް ޚާއްޞަކޮށްގެން "ޕިލަރ 7.2 ކޯ-ކްރިއޭޝަން ޑޭ"ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތަކީ މައިންޑްކޯއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މަސައްކަތުގެ ބައްދަލުވުމެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ތަންފީޛުކުރަމުންދާ ޑިގިޓަލް ޓަރާންސްފޯމޭޝަން އެޖެންޑާގެ "މޯލްޑިވްސް 2.0"ގެ މަގުޗާޓުގެ ހަތްވަނަ ތަނބުގެ ދަށުން، ދައުލަތުގެ އިދާރާތަކުގެ މެދުގައި ޑިޖިޓަލް އަދި އޭ.އައި ޤާބިލުކަން އިތުރުކުރުމަށް، މައިންޑްކޯ އަދި ގުޅިފައިވާ އެހެނިހެން އިދާރާތައް ގުޅިގެން ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ފެބްރުއަރީ 2026ވާ ހޯމަ ދުވަހު، މީރުމާ ހޯލުގައެވެ.

މި ބައްދަލުވުމަކީ ސަރުކާރުގެ ޚިދުމަތްތަކުގައި ޑިޖިޓަލް އަދި އޭ.އައި ޓެކްނޮލޮޖީގެ ބޭނުން ކުރުމާއި ގުޅުންހުރި ހުނަރުތައް ހަރުދަނާކުރުމަށްޓަކައި އެކުލަވާލާ ޤައުމީ އޮނިގަނޑު ފަރުމާކޮށް، މުރާޖަޢާކުރުމަށްޓަކައި ބާއްވާ މުހިންމު ސެޝަނެކެވެ.

"މޯލްޑިވްސް 2.0"ގެ ދަށުން ޑިޖިޓަލް ރޮގުން ކަނޑައަޅާފައިވާ ޤައުމީ އިސްތިރާތީޖީ އަމާޒަށް ވާސިލްވުމަށްޓަކައި މުއައްސަސާތަކުގެ ޑިޖިޓަލް ޤާބިލުކަން އިތުރުކުރާނެ ތަފްޞީލީ މަގުތައް އެންމެންގެ ބައިވެރިވުމާއެކު އެކުލަވާލައި ބައްޓަންކުރަން މި ބައްދަލުވުމުން މަގުފަހިވެގެން ދާނެއެވެ.

ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގެނެވޭ އިންޤިލާބީ ބަދަލުތަކީ އެންމެންގެ ޝާމިލްވުން އޮތުމާއެކު އެކުލަވާލާ އަމަލުކުރާ އޮނިގަނޑަކަށްވުން މުހިންމެވެ. އެކަން ބައްޓަންކުރަންވާނީ މި ބަދަލުތައް ގެނައުމަށް އިސްކޮށް މަސައްކަތްކުރައްވާ ފަންނީ ފަރާތްތަކުގެ ބައިވެރިވުމާއި ލަފާގެ މަތިން ކަމަށް މައިންޑްކޯއިން މައުލޫމާތުދެއެވެ.

މައިންޑްކޯގެ އިސްނެގުމުގެ މަތިން ތަންފީޛުކުރާ ރޯޑްމެޕްގެ އަންނަނިވި ތަނބުތަކުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ވުޒާރާތަކުގެ ޑިޖިޓަލް އަދި އޭ.އައި ޤާބިލުކަން ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތްކުރުމުން، ވަކިވަކި އިދާރާތަކުން ކުރާ މަސައްކަތްތަކެއްގެ ބަދަލުގައި، މުޅި ޤައުމަށް ފައިދާހުރި، ދެމެހެއްޓެނިވި ޑިޖިޓަލް އަދި އޭ.އައި ޤާބިލުކަމުގެ އޮނިގަނޑެއް އެކުލަވާލުމަށް މަގުފަހިވެގެންދާނެ ކަމަށް މައިންޑްކޯއިން ދެކެއެވެ.

● 7 ވަނަ ތަނބު: އެކި ދާއިރާތަކުގެ ޑިޖިޓަލްޓަރާންސްފޯމޭށަންއަށް ބާރުއަޅައެވެ.

● 6 ވަނަ ތަނބު: ރައްޔިތުންނަށް އިސްކަންދޭ ޑިޖިޓަލް ޚިދުމަތްތަކަށް އަމާޒުކުރެއެވެ.

● 8 ވަނަ ތަނބު: ޑިޖިޓަލް އިޤްތިޞާދާއި އައު އީޖާދުތަކަށް އަލިއަޅުވާލައެވެ.

ad