logo

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
6 ގަޑިއިރު ކުރިން

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲ، މަޖިލީހަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ. އަދި ރަށްރަށާއި ސިޓީތަކުގައި ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހިމެނުމަކީވެސް މި ޤާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ، މިހާރު ޤާނޫނު އޮތްގޮތުން، އެލްޖީއޭގެ ބޯޑަށެވެ.

ނަމަވެސް ސަރުކާރުން ޤާނޫނަށް ހުށަހަޅުއްވާ އިސްލާހުގައި އެލްޖީއޭގެ ބޯޑަށް، އެ އޮތޯރިޓީއަށް މުވައްޒަފުން އައްޔަން ކުރުމުގެ ބާރު އުނިކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، އިސްލާހުގައި ބަޔާންކޮށްފައިވާގޮތުގައި އެ އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައޔަންކޮށް، ވަކިކުރާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާގޮތުގައި އެލްޖީއޭއަށް މުވައްޒަފުން އައްޔަންކޮށް، ވަކިކުރުމާއި މުވައްޒަފުންނާގުޅޭ ކަންކަމުގައި ޒިންމާދާރު އިސްވެރިޔާއަކީ ސީއީއޯއެވެ. އަދި އެ އޮތޯރިޓީގެ މަޤާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ސަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މި އިސްލާހުގައި ރަށްރަށާއި ސިޓީތަކުގައި ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހެ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ވަނީ ހިމަނުއްވާފައެވެ.

ad