logo

ރަސްމާލެ ރެފަރެންޑަމް ގަރާރުގެ މަސައްކަތް އެޖެންޑާކުރި ކޮމިޓީ މިއަދު ވެސް ކެންސަލް

ދިޔާމާ އިބްރާހިމް
5 ގަޑިއިރު ކުރިން

އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާމެދު ގޮތެއް ނިންމުމަށް މިއަދަށް ތާވަލުކުރުމަށް ފަހު، މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މިއަދު ކެންސަލްކޮށްފިއެވެ.

އިއްޔެ މެންދުރު 12:30އަށް ވެސް މި ގަރާރުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ވަނީ ތާވަލުކޮށްފައެވެ. އެއަށްފަހު އެ ކޮމިޓީގެ ބައްދަލުވުން މިއަދުގެ 12:30 އަށް ފަސްކޮށްފަވާކަން ވަނީ ހަމާކޮށް އެޖެންޑާކޮށްފައެވެ. އެހެން ނަމަވެސް މިއަދުގެ ބައްދަލުވުން ވެސް ކެންސަލް ކޮށްފައިވާއިރު، ކެންސަލް ކުރި ސަބަބެއް ހާމަނުކުރެއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން މި ގަރާރު މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީން މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ހާމަކޮށްފައެވެ. އަދި އެ ގަރާރާމެދު އަމަލުކުރުން ލަސްވެފައިވާއިރު، އެމްޑީޕީން ވަނީ މިއީ ގާނޫނާ ގަވައިދާ ޚިލާފުކަމެއް ކަން ހާމަކޮށްފައެވެ.

އެމްޑީޕީން ނޮވެންބަރު ހަތަރެއްގައި ހުށަހެޅި މި ގަރާރު ކޮމިޓީއަށް ފޮނުވާފައިވަނީ ނޮވެމްބަރު 23 ވަނަ ދުވަހު ކަމަށްވާތީ، މަޖިލީހުގެ ގަވާއިދުގައި ބުނާ 14 ދުވަހުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވާ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުްގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ad