logo

ޓްރޭޑިއަން އިން އޭވިއޭޝަން ދާއިރާއަށް ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ނިންމައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
11 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދެވޭ އިމްޕޯޓް އަދި އެކްސްޕޯޓާ ގުޅުންހުރި ޚިދުމަތްތައް އަވަސްކުރުމަށް ޤާއިމުކޮށްފައިވާ ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް، "ޓްރޭޑިއަން" އިން އޭވިއޭޝަން ދާއިރާއަށް ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް،ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސަރވިސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގުޅިގެން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭވިއޭޝަން ދާއިރާއާ ގުޅުންހުރި މުހިންމު ބައެއް ޚިދުމަތްތައް 2026 ނޮވެމްބަރު 22 ވާ އާދިއްތަ ދުވަހުން ފެށިގެން ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ލައިވްކޮށް، ޢާންމުކޮށް ޚިދުމަތަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމުގައިވާ އޭވިއޭޝަން ދާއިރާގެ ޚިދުމަތްތައް ޓްރޭޑިއަންގެ ތެރެއިން ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކުލަވާލާފައިވާ ޑިޖިޓަލައިޒޭޝަން ތަޞައްވުރު "މޯލްޑިވްސް 2.0" ގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

އަންނަ ނޮވެމްބަރު 22 އިން ފެށިގެން ޓްރޭޑިއަން މެދުވެރިކޮށް ލިބެން ހުންނާނެ ޚިދުމަތްތަކުގެ ތެރޭގައި:

1. ޝެޑިއުލްޑް ފްލައިޓްތަކުގެ ހުއްދަ

ހ. އެއަރކްރާފްޓް އޮޕަރޭޓަރ ސެކިއުރިޓީ ޕްރޮގްރާމް (އޭ.އޯ.އެސް.ޕީ)

2. އެޑްހޮކް ޗާޓަރ ފްލައިޓްތަކުގެ ހުއްދަ

3. ފްލައިޓް ޝެޑިއުލް ހުށަހެޅުން

4. އެއާލައިން އޭޖެންޓުން ކަނޑައެޅުން

5. ޝެޑިއުލްޑް ފްލައިޓްތަކުގެ ލައިސަންސް އައުކުރުން

6. ޝެޑިއުލްޑް ފްލައިޓްތަކުގެ ލައިސަންސް ބާޠިލުކުރުން

7. ފްލީޓް އަޕްޑޭޓްކުރުން

8. ފްލައިޓް ޝެޑިއުލް އަޕްޑޭޓްކުރުން

މި ޚިދުމަތްތައް އަލަށް ތަޢާރަފުކުރެވޭއިރު، ވަކި މުއްދަތަކަށް "ޕެރަލަލް ސަބްމިޝަން" އުސޫލުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް އަދި މިހާރުވެސް ޚިދުމަތްތަކަށް އެދެމުންދާ އުސޫލުތަކާ އެއްގޮތަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިޚްތިޔާރު އެއާލައިންތަކަށާއި އޭވިއޭޝަން ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި ޕެރަލަލް ސަބްމިޝަންގެ މުއްދަތެއް ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ ޚިދުމަތް ހޯދާ ފަރާތްތައް ޕްލެޓްފޯމަށް އަހުލުވެރިކުރުވައި، އިތުބާރާއެކު ޚިދުމަތް ހޯދުމަށް ތައްޔާރުވުމުގެ ފުރުޞަތު ދިނުމާއި، އޮންބޯޑިންގ މަރުޙަލާ ފުރިހަމަކޮށް، ޚިދުމަތްތައް މެދުކެނޑުމެއްނެތި ދެމެހެއްޓުމެވެ. މި ޚިދުމަތްތައް ހަމައެކަނި ޓްރޭޑިއަން މެދުވެރިކޮށް ދޭން ފަށާނެ ރަސްމީ ކަޓް-އޮފް ތާރީޚު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ފަހުން އިޢުލާނުކުރާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، އޭވިއޭޝަން ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް ކަނޑައެޅޭ ސުންގަޑީގެ ކުރިން ޓްރޭޑިއަން ޕްލެޓްފޯމުގައި ރަޖިސްޓްރީވެ، ޚިދުމަތް ހޯދުމުގެ ހުއްދަ އޮންނަ މުވައްޒަފުން އޮންބޯޑު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިކަމާ ގުޅޭ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް 3334001 ނަންބަރު އީމެއިލް ވަނީ ޢާންމުކޮށްފައެވެ.

ad