logo

އިންޑޮނޭޝިއާގެ ކާރުޚާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 3 މީހުން މަރުވެ ގިނަބަޔަކު ގެއްލިއްޖެ

މަޒީ
6 ގަޑިއިރު ކުރިން

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ހުޅަނގުގެ ސަރަހައްދުގައި ހުންނަ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި 3 މީހަކު މަރުވެ، 36 މުވައްޒަފުން ގެއްލިޖެއެވެ.

ޖަކާޓާގެ ހުޅަނގުން، ބަންޓެން އަވަށުގެ ޗިކާންޑޭ ސަރަހައްދުގައި ހުންނަ ކޭންޑީ ކާރުޚާނާއެއްގައި ހިނގި މި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ގެއްލިފައިވާ 36 މުވައްޒަފުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފަށާފައެވެ.

ތިން ބުރީގެ މި ކާރުޚާނާގައި އަލިފާން ރޯވެފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:30 އާއި 5:00 އާ ދެމެދުގެ ވަގުތެއްގައެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވެ 12 ގަޑިއިރަށްވުރެ ގިނައިރު ވެގެންދިޔައިރު، މިއަދާ ހަމައަށްވެސް އިމާރާތުގެ ބައެއް ބައިތަކުގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގައި 15 މީހަކު ސަލާމަތްކުރެވިފައިވާކަމަށާއި އަނިޔާވި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގެއްލުނު މީހުންގެ އަދަދަކީ 36 ކަމަށް އިންޑޮނޭޝިއާގެ ގައުމީ ސާޗް އެންޑް ރެސްކިއު އިދާރާއިން ހާމަކުރި ނަމަވެސް، ފުލުހުންނާއި ކާރިސާތަކާ ބެހޭ އިދާރާތަކުން ކުރިން ލަފާކޮށްފައިވަނީ 39 އާއި 43 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން ގެއްލިފައިވާ ކަމަށެވެ. އަލިފާން ރޯވި ވަގުތު އެ މީހުން އިމާރާތުގެ އެތެރޭގައި ތިބިކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ އޮފިޝަލުން މިހާރު ދަނީ މުވައްޒަފުންގެ ހާޒިރީ ރެކޯޑުތައް ޗެކްކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް ސަލާމަތްވި މީހުން ބުނެފައިވައިވާގޮތުގައި އަލިފާން ފުރަތަމަ ފެނިފައިވަނީ ތިންވަނަ ބުރީގައި ހުރި ފިނިކުރާ ޔުނިޓެއް ކައިރިންނެވެ.

އިމާރާތުގެ ބައިތައް ފުނޑުފުނޑުވެ، އަނދާފައިވާ ފުރާޅުގެ ބައިތައް ވެއްޓިފައި ހުރުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެހެންނަމަވެސް، ސަލާމަތީ ޓީމުތަކުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ އިމާރާތުގެ ދެވަނަ ބުރިއާއި މެދުތެރޭގެ ސަރަހައްދުތައް ބަލައި ފާސްކުރުމަށެވެ.

ގެއްލިފައިވާ މީހުންގެ އާއިލާތަކުން މި ފެކްޓަރީގެ ބޭރުގައި ކަންބޮޑުވުމާއެކު މިހާރުވެސް ދަނީ ހަބަރެއް ލިބޭތޯ އިންތިޒާރުކުރަމުންނެވެ.

ad