ދައުލަތުގެ ބަޖެޓުން މުސާރައަށް ކުރާ ޚަރަދު ބޮޑުވެ، މުވައްޒަފުންގެ އަދަދު ކޮންޓްރޯލްކުރަން އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ މިއަދު އިންޒާރެއް ދެއްވައިފިއެވެ.
ދައުލަތުން އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު ދަރަނި ދެއްކުމަށް ކުރާ ޚަރަދާއި، ކެޕިޓަލް އަދި ލޯނު ދޭން ހިމެނި ފައިސާ އުނިކޮށް، އަހަރުގެ ޖުމްލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ ހިނގަމުންދާ އަހަރުގެ ރިވައިސްޑް ބަޖެޓުގެ އަންދާޒާއަށްވުރެ 6.6 ޕަސެންޓްގެ އިތުރުވުމެކެވެ.
ހަމައެއާއެކު ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްގެ ޚަރަދު ފާއިތުވެ ދިޔަ އަހަރުތަކުގައި އިތުރުވެ، އަންނަ އަހަރު މި ޚަރަދުތަކަށް 14،420 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. އަދި ފާއިތުވެ ދިޔަ އަހަރުތަކުގައި މި ޚަރަދު އެންމެ ބޮޑަށް އިތުރުވެގެން ގޮސްފައި ވަނީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ މުސާރައިގެ އޮނިގަނޑުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުންކަން ބަޖެޓު ފޮތުގައި ވަނީ ބަޔާންކޮށްފައެވެ.
އޮޑިޓާ ޖެނެރަލްގެ ލަފާގައި ދައުލަތުގެ މުވައްޒަފުންގެ ޖުމްލަ އަދަދުތައް ވެސް ފާއިތުވެ ދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި މުވައްޒަފުންނަށް ކުރާ ހޭދައަކީ ދައުލަތުގެ ބަޖެޓުގެ ރިކަރަންޓް ޚަރަދުގެ އެންމެ މައިގަނޑު ދާއިރާކަމުގައިވާއިރު މި ޚަރަދު އިތުރުވަމުންދާ މިންވަރު ކޮންޓްރޯލްކުރުމުގެ ގޮތުން މުވައްޒަފުންގެ ސަމަކާރަކަން އިތުރުކޮށް، މުވައްޒަފުންގެ އަދަދުތައް އިތުރުކުރެވޭ މިންވަރު ކޮންޓްރޯލްކުރުމުގެ މުހިންމުކަން އޮޑިޓާ ޖެނެރަލް ލަފާ ދެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސިޔާސީ ބޭނުމަށް ސަރުކާރު ކުންފުނިތަކުން ވަޒީފާތައް ބެހުމަކީ ރާއްޖޭގައި މި ފަހުން ވެރިކަން ކުރި ހުރިހާ ސަރުކާރުތަކަކުން ވެސް ކޮށްފައިވާ ކަމެކެވެ. ހަމައެއާއެކު ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް ވަނީ އިތުރުވެފައެވެ. އޭގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމަށާއި އިގުތިސާދަށް ނޭދެވޭ އަސަރުތައް ކުރުމުގެ އިތުރުން ކުންފުނިތަކަށާއި ސަރުކާރަށް ވަނީ ބޮޑު މާލީ ބުރައަކަށް ވެފައެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން އަހަރަކު މުސާރައަށް ކުރާ ޚަރަދު ދަނީ އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުންނެވެ.

