މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އާއި ހުޅުލޭގެ ބިން ރަހުނުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 56 މިލިއަން ޑޮލަރުގެ އާ ލޯނު ނަގާފައިވާ ކަން އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އެމްއޭސީއެލްގެ 2025 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުނިން ވަނީ "ވާކިން ކެޕިޓަލް" ގެ ނަމުގައި ބީއެމްއެލްއިން ހަތަރު ލޯނެއް ނަގާފަ އެވެ. އެއީ މެއި މަހު ނެގި 30 މިލިއަން ޑޮލަރާއި، އޮގަސްޓު މަހު ނެގި 10 މިލިއަން ޑޮލަރާއި، އޮކްޓޫބަރު މަހު ނެގި 10 މިލިއަން ޑޮލަރުގެ އިތުރުން ނޮވެމްބަރު މަހު ނެގި ހަ މިލިއަން ޑޮލަރެވެ.
މީގެ ތެރެއިން ތިން ލޯނު ނަގާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 1، ގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އާއި އޭޕްރަންގެ ލީސްހޯލްޑް ހައްގުތައް ބޭންކަށް ރަހުނުކޮށްގެންނެވެ. ދެނަ އިން ލޯނު ނަގާފައިވަނީ ހުޅުލޭގެ ބިމުގެ ލީސްހޯލްޑް ރަހުނުކޮށްފަ އެވެ.
ރަންވޭ ރަހުނުކޮށްގެން ނެގި ފަހު ތިން ލޯނަކީ ފަސް އަހަރުގެ މުއްދަތަށް ނެގި ލޯނުތަކެކެވެ.ނަމަވެސް މިއީ ބޭންކުން ބޭނުންވެއްޖެ ނަމަ އެއްކޮށް އަނބުރާ ހޯދޭ ގޮތަށް ހުރި ޑިމާންޑު ލޯނުތަކެކެވެ.
މި އާ ލޯނުތަކާ އެކު، އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަން ޖެހޭ ޑޮލަރު ދަރަނި ވަނީ 92 ޕަސެންޓު އިތުރުވެ، 112 މިލިއަން ޑޮލަރަށް އަރާފަ އެވެ. މީގެ ތެރެއިން 104 މިލިއަން ޑޮލަރަކީ މި ސަރުކާރުގެ ދައުރު ފެށުނު ފަހުން ނަގާފައި ހުރި ލޯނުތަކެވެ.
ބީއެމްއެލްއިން ނެގި 56 މިލިއަން ޑޮލަރުގެ އިތުރުން، އެމްއޭސީއެލްއިން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް އިން ވެސް 15 މިލިއަން ޑޮލަރުގެ ލޯނު ނަގާފައެވެ. މި ލޯނު ނެގީ އެ ކުންފުނިން ގަނެފައި ހުރި ސަރުކާރުގެ ބޮންޑުތަކެއް ރަހުނުކޮށްފަ އެވެ.
މި ބޮޑެތި ލޯނުތަކާ އެކު އެމްއޭސީއެލްގެ މާލީ ހާލަތު މިހާރު ވަނީ އިންތިހާއަށް ނާޒުކު ފައްތަރަކަށް ވެއްޓިފަ އެވެ. އެ ކުންފުނީގެ ޖުމްލަ ދަރަނި 16.6 ބިލިއަން ރުފިޔާ (1.08 ބިލިއަން ޑޮލަރު) އަށް އަރާފައިވާއިރު، އޭގެ 97 ޕަސެންޓަކީ ޑޮލަރުން ދައްކަން ޖެހޭ ދަރަންޏެވެ.
މީގެ ތެރެއިން 1.46 ބިލިއަން ރުފިޔާއަކީ މި އަހަރު އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ އެވެ. އަދި އިތުރު 693.3 މިލިއަން ރުފިޔާ އިންޓްރެސްޓުގެ ގޮތުގައި ދައްކަން ޖެހެެ އެވެ.
ދަރަނި ދެއްކުމަށާއި ދަރަނީގެ ހިދުމަތުގެ ހަރަދު ހިމެނޭހެން އަހަރަކު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އެމްއޭސީއެލްއަށް ބޭނުންވާއިރު، އެ ކުންފުނީގެ އަތުގައި ހުރި ޑޮލަރު ފައިސާގެ ނަގުދަކީ 13.5 މިލިއަން ޑޮލަރެވެ. މިކަންކަމަށް ރިއާޔަތްކޮށް އޮޑިޓުގައި ފާހަގަކޮށްފައި ވަނީ ކުންފުނި ހިންގުމުގައި ކުރިއަށް ދެވެނީ ހަމައެކަނި ސަރުކާރުގެ އެހީތެރިކަން އޮވެގެން ކަމަށެވެ.

