logo

ކޮމަންވެލްތްގެ 28ވަނަ އިސްވެރިންގެ ބައްދަލު ވުމަށް ނައިބު ރައީސް އެންޓިގުއާ އެންޑް ބާބިއުޑާ އަށް ވަޑައިގެންފި

މަރްޔަމް
2 ގަޑިއިރު ކުރިން

ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު އެންޓިގުއާ އެންޑް ބާބިއުޑާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. މި ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދާ އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، އެ މަނިކުފާނު ވާހަކަފުޅު ދައްކަވައި، އެކި ސެޝަންތަކުގައި ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުން ބާއްވާ މިއަހަރުގެ ސަމިޓް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 1 އިން 4 ގެ ނިޔަލަށެވެ.
މިއަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ފަހިކުރުމުގެ އިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ އިގުތިސާދީ ކުރިއެރުމެއް ހޯދުމަށެވެ.

ޗޮގަމް 2026 އަކީ ދުނިޔޭގެ އިގުތިސާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ކޮމަންވެލްތުގެ ލީޑަރުން އެއްތަންވާ މުހިންމު ބައްދަލުވުމެކެވެ. މީގެ އިތުރުން ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ވިޔަފާރީގެ ފުރުސަތުތައް ފުޅާކޮށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް މި ސަމިޓުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ.

ad