logo

އަރަބިއްޔާ ސްކޫލްގެ މަސައްކަތް ތާވަލާ އެއްގޮަށް ކުރިއަށްދޭ، އަންނަ އަހަރު ކިޔަވައިދޭނީ އާ އިމާރާތުގައި: ޝަފީއު

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

އަލަށް އިމާރާތްކުރާ އަރަބިއްޔާ ސްކޫލުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ފަލާހް ވަނީ މާލޭގެ ގިނަ އަދަދެއްގެ ބެލެނިވެރިން ސާފުކުރަން ބޭނުންވާ ކަމެއްގެ ގޮތުގައި، އަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

މިއާއެކު ވަޒީރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އެންމެ ހިތްދަތި ގޮތަކަށް ކަންކުރި ސުކޫލަކީ ޢަރަބިއްޔާ ސުކޫލު ކަމަށެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ދައުރުގައި ސްކޫލް ހުރި ބިން ނަގައި، ކުދިން "ރެފިއުޖީން" ތަކެއްގެ ގޮތުގައި ގެންގުޅުނު ކަމަށް ވަޒީރު ތުހުމަތު ކުރެއްވިއެވެ. އަދި ދެވަނަ ފަހަރަށް އެމްޑީޕީއަށް ވެރިކަން ލިބުނުއިރުވެސް، ސައުދީ އެމްބަސީ ހުރި އިމާރާތާއި ކުރީގެ ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތް ފަދަ އެކި ތަންތަނަށް ކުދިން ބަދަލުކުރަމުން ދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުން އައު އިމާރާތް އަޅަމުންދަނީ ސުކޫލުގެ ބެލެނިވެރިންނާއި މަސްލަޙަތުވެރިންގެ މަޝްވަރާއާ އެއްގޮތަށް ކަމަށާ އެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިގޮތަށް އެކި ތަންތަނަށް ކުދިން ބަހަމުން ދިއުމުގެ ސަބަބުން ސްކޫލަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ސްކޫލްގެ މަސްލަހަތުވެރިންގެ އެދުމާ އެއްގޮތަށް، ސްކޫލަށް ޚާއްޞަ ބިމެއް ކަނޑައެޅި، ފެންވަރު ރަނގަޅު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނޮވެމްބަރު މަހަށް ނިމުމުން، އަންނަ ދިރާސީ އަހަރުގެ ކިޔެވުން އެ އިމާރާތުގައި ފެށިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ޝަފީއު ވަނީ ދެއްވާފައެވެ.

އަރަބިއްޔާ ހިންގަމުންދިޔަ އިމާރާތް ބާވެ، އެތަނުގައި ކިޔަވައިދިނުން ދަރިވަރުންނަށް ރައްކާތެރި ނުވާ ހިސާބަށް ދިޔުމުން ދަރިވަރުން ވަގުތީ އިމާރާތްތަކުގައި ކިޔަވަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. އެހެންކަމުން އެ ސުކޫލަށް އައު އިމާރާތެއް އަޅައިދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަޢުދުވެވަޑައިގެންނެވިއެވެ. ނަމަވެސް ދައުރު ނިމުނުއިރު ވެސް މަސައްކަތް ނުފެށެއެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން، އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ކުރިން ހަމަޖެއްސި ބާ ޖަމާލުއްދީން ހުރި ބިމުގެ ބަދަލުގައި އެ ސްކޫލް އަޅަން އެއަށް ވުރެ ޖާގަ ތަނަވަސް، 386 ނަންބަރު ކޮށި ވަނީ ހަމަޖައްސައިދެއްވާފަ އެވެ.

ad