logo

ފަތުރުވެރިން އަންނަ މިންވަރު އިއާދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ރަނގަޅު: ވަޒީރު އަމީން

ދިވެހި ޗެނަލް
ދިވެހި ޗެނަލް
17 ގަޑިއިރު ކުރިން

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިއާދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށާއި، މެދުއިރުމަތީގެ ހަނގުރާމައިގެ ކުރިން އޮތް މިންވަރާ ގާތަށް އާދެވިފައިވާކަމަށް ފަތުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިމަހުގެ ފުރަތަމަ ހަފްތާގައި އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްގެންދިޔަ، ވޯލްޑް ޓްރެވަލް މާކެޓްގައި ބައިނަލްއަޤްވާމީ މީޑިއާތަކަށް މަޢުލޫމާތު ހިއްސާކުރައްވަމުން، ވަޒީރު ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވާ އަސަރާއި އެކަމުން އަރައިގަތުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި ކުރަމުން އަންނަ މަސައްކަތްތައް ޙިއްސާކުރައްވާފައެވެ.

މިއަހަރު ރާއްޖެއަށް ފަތުވެރިން ގެނައުމަށް ސަރުކާރުން ކަނޑައެޅި ޢަމާޒަކީ 2.5 މިލިޔަންއެވެ. މިދިޔަ އަހަރަށްވުރެ މިއަހަރު، %17 އިން ފަތުވެރިކަން ކުރިއަރައިގެންދާނެކަމަށް އަންދާޒާކުރިއެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، އަހަރުގެ ކުރީކޮޅު މި އަމާޒުތަކަށް ވާސިލުވުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާއްސަކޮށް މަރޗް، އޭޕްރިލް އަދި މޭ މަހު، ފަތުވެރިން އައި މިންވަރު މިދިޔަ އަހަރަށްވުރެ %24-%25އާއި ދެމެދުގެ މިންވަރަކަށް ދަށްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، ރާއްޖޭގެ ފަތުވެރިކަމުގެ މުޅި ސިނާޢަތުގެ މާކެޓްގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަމުގެ ހާލަތުން އަރައިގަނެ، ފަތުވެރިން ގެނެވޭނެ އިތުރު ގޮތްތައް ހޯދުމާއި، އަދި އެކަމަށް މަގުފަހިކުރުމަށް ގިނަ ލުއިތަކެއްވެސް ސަރުކާރުން ދެއްވިކަން ފާހަގަކުރެއްވިއެވެ. މިއާއެކު އޭރުގެ ހާލަތުން އަރައިގަނެ، ކުރިން ހުރި މިންވަރާ ދާދިގާތަށް އާދެވިފައިވާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

ފަތުވެރިކަމާ ގުޅޭ ތަފާސްހިސާބުތަކަށްބަލާއިރު، ރާއްޖެއިން ޙާލަތުން އަރައިގަނެ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަން އަންނަނީ ފެންނަމުންނެވެ.

މިމަހުގެ ފުރަތަމަ 9 ދުވަހު، 53،000އަށްވުރެ ގިނަ ފަތުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ފަތުވެރިކަމުގެ ހައި ސީޒަން ފެށިފައިވާއިރު، އެވްރެޖްކޮށް 5،900 ފަތުވެރިން މިހާރު ރާއްޖެ އާދެއެވެ.

އަދި ނިމުނު އޮކްޓޫބަރު މަހު ރާއްޖެ އައި ފަތުވެރިންގެ އަދަދު ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށްވުރެ އިތުރުވެފައެވެ. މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 192،398 ފަތުރުވެރިންނެވެ.

ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން ވަނީ، ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށްފައެވެ. އަދި އިތުރު އެއާލައިންތަކާއެކު ދަތުރުތައް ފެށުމާއި، އަދި މިހާރު ދަތުރުކުރާ އެއާލައިންތަކުން ރާއްޖެއަށް ބާއްވާ ފްލައިޓް ދަތުރުތައްވެސް އަންނަނީ އިތުރުކުރަމުންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުވެރިން އަންނަނީ ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އިޓަލީވިލާތުންނެވެ.

ad