logo

ތަންފީޒީ އިދާރާތަކުގެ ގުޅުން ހަރުދަނާކުރަން އެއްބަސްވުމެއް

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެމެެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފުލުހުން ބުނީ، މިއީ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، ދިވެހި ފުލުހުންނާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްއާ ދެމެދު ސޮއިކުރި ފަހުމުނާމާއެއް ކަމަށެވެ.

މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ ސީނިއާ އޮފިސަރުން ބައިވެރިވެލެއްވި އެވެ.

މި ފަހުމުނާމާގައި ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓޭޗޭ މިސްޓަރ އާލް މަޓިއަރ އެވެ. ދިވެހި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދެވެ.

ފުލުހުން ބުނީ މި ފަހުމުނާމާގެ ދަށުން، ގުޅުންހުރި ކަންކަމުގައި ދެފަރާތުން މަޝްވަރާކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވައި ތަހުގީގުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި ސަލާމަތީގޮތުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މި އެއްބަސްވުމާއެކު ހަރުދަނާވެގެންދާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ad