މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފަށައިފިއެވެ.
މިއީ، ތިލަފުށި ޕޯޓުން ދޭން ފެށި ފުރަތަމަ ޚިދުމަތެވެ.
ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ދަނީ ކުރަމުންނެވެ. އައު ބަނދަރާއެކު ޕޯޓުގެ ޚިދުމަތްތައް 4 ގުނަ ފުޅާވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ، ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަޤުޞަދުގައެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އެހެން ޤައުމުތަކުން އެތެރެ ކުރާ ޤައުމަކަށްވާއިރު، ރާއްޖެ އެތެރެވާ މުދަލުގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މިކަމާއި ގުޅިގެން ވިޔަފާރި ބަނދަރުވެފައިވަނީ، 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤުތިޞާދުގެ އެންމެ ބޮޑު އޮޕަރޭޝަނަށެވެ.
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މުޅި މަޝްރޫއު ނިމޭނީ، އަންނަ އަހަރުއެވެ. ނަމަވެސް އެމްޕީއެލްއިން މިހާރު ވަނީ، ތިލަފުށި ޕޯޓުގައި މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ފަށާފައެވެ.
އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވެފައިވަނީ، މާލެ އަދި ހުޅުމާލެ ބަނދަރުގައި މިވަގުތުވެސް ދޯނިފަހަރު ކައިރިކޮށް ކޮންޓެއިނަރ އެރުވުމަށް ޖާގަ ކުޑަ ކަމަށެވެ. ނަމަވެސް އެމްޕީއެލްގައި ތަރައްޤީ ކުރަމުންދާ ބަނދަރުން މި ޚިދުމަތް ފެށުމުން މިއީ ދޯނި ކްލިއަރެންސްއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މަޑުމަޑުން ޚިދުމަތްތައް ބަދަލުކުރަމުން ގެންދަވާނެކަމަށްވެސް ސީއީއޯ ވަނީ ވިދާޅުވެފައެވެ.
މާލޭ ވިޔަފާރި ބަނދަރަކީ، 1986ވަނަ އަހަރު ޚިދުމަތް ފެށި ބަނދަރެކެވެ. 2015ވަނަ އަހަރުން ފެށިގެން މި ބަނދަރުން ޚިދުމަތް ދެމުންދަނީ، ބަނދަރުގެ ކެޕޭސިޓީ އަށްވުރެ 3 ގުނަ އިތުރަށެވެ. ސަރުކާރުން ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރަނީ، މިހުރިހާ މައްސަލައަކަށް ހައްލެއް ހޯދުމަށެވެ.
