logo

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މި އަހަރު 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ފައިސާ ޖަމާކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިމަހު 13 ވަނަ ދުވަހާ ހަމައަށް އެސްޑީއެފްއަށް ޖަމާކުރެވުނު ޖުމްލަ ފައިސާ 1.38 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މިއީ މިދިޔަ އަހަރު މިމުއްދަތަށްވުރެ އިތުރު އަދަދެކެވެ.

ސޮވެރިން ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފައްދާފައިވާ ފަންޑެކެވެ. އެގޮތުން ސަރުކާރުން ވަނީ އެ ފަންޑް ބޭނުންކޮށްގެން ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް މި އަހަރު ދައްކައިފައެވެ. ސުކޫކު ދެއްކުމަށް ވެސް އެ ފަންޑު ބޭނުންކޮށްފައިވެއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މި އަހަރު 2.4 ބިލިއަން ރުފިޔާ ޖަމާކުރަން ވަނީ ކަނޑައަޅާފަ އެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

2018 ވަނަ އަހަރުގެ ނިޔަލަށް މި ފަންޑުގައި ބޭރު ފައިސާގެ ގޮތުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ހުއްޓެވެ. ނަމަވެސް، 2019 ވަނަ އަހަރު މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއާއި އެމްއެމްއޭއާ ދެމެދު ވީ އެއްބަސްވުމެއްގެ ދަށުން ފަންޑުގައި ހުރި ބޭރު ފައިސާ ވަނީ މާރުކޮށްފައެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، ފަންޑުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަނީ ދިވެހި ރުފިޔާއަށް ބަދަލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މި ފަންޑުގައި ބޭރު ފައިސާގެ ގޮތުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރެވެ. ނަމަވެސް މި ސަރުކާރުން ވަނީ ފަންޑަށް ޖަމާކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

ad