ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ "ފްރެންޓް-4" ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލައިފިއެވެ.
ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދަނިކޮށް "ފްރެންޓް-4" ނަމަކަށް ކިޔާ މި ދޯނި އަޑިއަށްގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ޙާދިސާގައި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި 3 މީހަކު ވަނީ ގެއްލިފައެވެ.
މި ޙާދިސާގައި ގެއްލިފައިވަނީ އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ. އަދި ގެއްލިގެން ހޯދަމުންދާ ތިން ވަނަ މީހަކީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
އެމްއެންޑީއެފްއިން ބުނީ، އެމީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އިއްޔެ މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސް "SA038 ,SA037"ގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން އެ 3 މީހުން އަދި ފެނިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ހިލަޔާއި ހިލަވެލި ބަރުކޮށްގެން 8 މީހުންނާއެކު ދަތުރުކުރި މި ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ 10:40 އެހައިކަންހާއިރުއެވެ. ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލިފައިވާ ތިން މީހުން އަދި ފެނިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މިދޯނި ފެތި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުން ތިބިއިރު އޭގެތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.

