logo

ކަނޑުތައް ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަން ޖެހޭ: މޭޔަރު އާޒިމް

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ރާއްޖޭގެ ހިތްގައިމު ވިލުތަކާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ނޫ ކަނޑުތައް ޙިމާޔަތްކޮށް، ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ރައްޔިތަކުވެސް މަސައްކަތްކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.

މޭޔަރު ޢާޒިމް މިކަމަށް ގޮވާލެއްވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކަނޑުތަކުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މޭޔަރު ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ދުވަހަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ދިވެހިންނާ ގުޅިލާމެހިފައިވާ ދުވަހެއް ކަމަށެވެ.

ރާއްޖޭގެ ޖުމްލަ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑާއި ފަޅުގެ ސަރަޙައްދުކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބިނާވެފައިވަނީ ކަނޑުފަޅާ ގުޅިފައިވާ އެކި ކަންކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން ދިވެހި އިޤުތިޞާދާއި، ދަތުރުފަތުރާއި، މުނިފޫހިފިލުވުމުގެ އިތުރުން ބޭރުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ މަޤުބޫލުވުންވެސް ގުޅިފައިވަނީ ކަނޑުފަޅާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

އެހެން ކަމުން، ގުދުރަތުން ދެއްވާފައިވާ މި ރީތި މުރަކައިގެ ބަގީޗާތަކާއި، ބަލައި ފޫހިވުމެއްނެތް ހިތްގައިމު ވިލުތަކާއި މަސްމަހާމެހިން މުއްސަނދިވެފައިވާ މި ނޫ ކަނޑުތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ޓަކައި، ކޮންމެ ރައްޔިތަކު ވެސް މަސައްކަތްކުރުމަށް އާޒިމް ވަނީ ބާރުއެޅުއްވިއެވެ.

ކަނޑުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓް ނިންމަވާލައްވަމުން މޭޔަރު ވަނީ ކަނޑުގެ ހިތްގައިމުކަމާ ގުޅޭ ޅެން ބައިތެއްވެސް ހިއްސާކުރައްވާފައެވެ. "މޫދާ ވިލުގެ ޗާލޫކަމޭ ބޯދޭ ފަރާތްތައް ގިނަކަމޭ، ހޯދަން އުފާ އެ ތަނަށް ފުމޭ ޖާދޫގެ ސާޙިލްގައި ވުމީ" މި ބައިތުން ރާއްޖޭގެ ކަނޑުފަޅުތަކުގެ ރީތިކަމާއި އޭގެ މުހިންމުކަން ވަނީ ސިފަކޮށްދެއްވާފައެވެ.

ad