logo

ތެރަޕީ ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ދިޔާމާ އިބްރާހިމް
14 ގަޑިއިރު ކުރިން

ހުރިހާ ބާވަތެއްގެ ތެރަޕީތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމަށް ހެލްތް މިނިސްޓަރ ގީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ގީލާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާ ހޯދަމުންދަނީ އާންމުކޮށް ގިނަ މީހުން ޚިދުމަތް ހޯދަންދާ ހޮސްޕިޓަލްތަކުންކަމަށެވެ. ނަމަވެސް ސަރުކާރުން ނިންމަވާފައިވަނީ ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރު ޤާއިމްކޮށް އެތަނުން ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރާއްޖޭގައި ދެމުންދާ ތެރަޕީގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ ނަމުގައި ޚާއްސަ ސެންޓަރެއް ޤާއިމުކުރައްވަން ނިންމަވާފައިވާކަން އިޢުލާން ކުރައްވާފައެވެ.

ގިނަ ޚިދުމަތްތަކާއިއެކު ހުޅުވިގެންދާނެ މި ސެންޓަރ ތަރައްޤީކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގައެވެ. އަދި މި ތަނުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ އިރު، 2 އަހަރުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލެވޭނެކަމަށް ގިލާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދެއްކޭނެ ނިޒާމެއް މިހާރުވެސް އޮންނަކަން ފާހަގަކުރައްވާ ގިލާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކާޑް ދެއްކުމުން އެ ޚިދުމަތެއް އަވަހަށް ލިބޭނެގޮތް ހަމަޖެހިފަވާނެކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލެއާއި އަތޮޅުތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގިނަ އަދަދެއްގެ ތެރަޕިސްޓުންވެސް ޚިދުމަތަށް ވަނީ ނެރެވިފަ ކަމަށާއި، މިއަހަރު އެކަނިވެސް 50 ތެރަޕިސްޓުން ޚިދުމަތަށް ނެރުމަކީ ރައީސްގެ ވަޢުދެއްކަން ފާހަގަކުރައްވާ ގިލާ ވިދާޅުވީ މިހާރުވެސް ޚިދުމަތުގައި 80 ތެރަޕިސްޓުން ތިއްބެވިކަމަށެވެ. އޭގެ ތެރޭގައި ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ސައިކޯ ތެރަޕިސްޓުންނާއި ފިޒިއޮ ތެރަޕިސްޓުންފަދަ ތެރަޕިސްޓުން ހިމެނޭކަމަށެވެ.

އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކަލް ފަރުވާއަށް 324 މީހަކަށް 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައިވެއެވެ.

ad