logo

ގެއްލުނު ސިފައިންގެ އޮފިސަރު މަރުވި ކަމަށް ކަނޑައަޅައި ކަށުނަމާދު ކުރަން ނިންމައިފި

މަރްޔަމް
6 ގަޑިއިރު ކުރިން

ހުވަދޫ ކަނޑު އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު ސިފައިންގެ އޮފިސަރު ނިޔާވި ކަމަށް ކަނޑައަޅައި ކަށުނަމާދު ކުރަން އިއްޔެ ނިންމައިފި އެވެ.

ކަށުނަމާދު ޕޭޖުން ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އޮގަސްޓު 5 ގައި ގެއްލުނު އިބްރާހިމް އަހުމަދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރާނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ސަލްމާން މިސްކިތުގައި ކަމަށެވެ.

އޭނާ ނިޔާވި ކަމަށް ކަނޑައަޅަން އިބްރާހިމްގެ އުފަން ރަށް، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ އާއިލާގެ ފަރާތުންނެވެ.

ކަނޑުމަތީގެ އެ ހާދިސާގައި ދޯނީގެ ކައްޕި މުހައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ.

ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ. އިބްރާހިމް އަހުމަދު އަދި ފުލުހަކަށް އުޅުނު އަލީ ނާފިއު ގެއްލުނީ އެ ދޯނި ސަލާމަތްކުރަން އުޅެނިކޮށެވެ.

އޭގެ ފަހުން އެމްއެންޑީއެފުން ބުނީ ހުވަދޫ ކަނޑަށް އެ ދޯނި ފެތިފައިވާ ސަރަހައްދު 1،600 މީޓަރަށް ވުރެ ފުން ވާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނެއް ނޫން ކަމަށެވެ.

އެއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ތިން މީހުން ގެއްލުނީ ފެތެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަށް ކުރިން ބުންޏެވެ.

އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދޯންޏަށް ދިޔަވަމުން ގޮސް ދޯނީގެ އެއްކޮޅު އަޑިއަށްދެ އެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ދޯނި އެ ހުރި ގޮތަށް އޮލަނބަށް ކަނޑުގެ ތެރެއަށް ދެ އެވެ. އޭރު ދޯނި ކައިރީ އެހެން އުޅަނދެއް ވެސް އޮތެވެ.


ad