logo

ރިޕޯޓް: ޓީޗަރުންގެ ފަރާތުން ތިބާއަށް ލިބުނު ތަޖުރިބާއަކީ ކޮބާ؟ އެމީހުން އެ ކުރަނީ ޤައުމީ ޖިހާދަކަށް ނުވާނެތަ؟

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ދުވަސް ކުރިން

ޓީޗަރުންގެ ދުވަހަކީ ޓީޗަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އެއީ އެ ދާއިރާ އަށް ނުވަތަ ތައުލީމީ މުޖުތަމައަށް އެ މީހުން ކޮށްދީފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ފާހަގަ ކުރާ ހަރަކާތެއް ވެސް މެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ފާހަގަކުރަމުން އަންނަ އިރު، ޓީޗަރުންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގަވެސް އޮކްޓޯމްބަރު މަހުގެ 5 ވަނަ ދުވަހެވެ.

ތައުލީމީ ހަޔާތް ނިންމާ މިއަދު ތިބާ އަކީ ކޮންމެވެސް ޒިންމާދާރު މީހެކެވެ. އަދި ތިބާގެ ދަރިން މިއަދު ތިބީ ޓީޗަރުންގެ ފަރާތުން އުނގެނުމުގައެވެ. އެމީހުންނާއި އެކު ކަންކަން ދަސްކުރުމުގައެވެ. އެކަމަކު ތިބާ މިއަދު ކޮށްލަންވީ ކަމަކީ ސްކޫލު ދައުރުގެ ހަނދާންތައް އާކޮލުމެވެ. އެހާ ހިސާބުން ތިބާގެ ދިރިއުޅުމަށް އައި ބަދަލުތަކާއި އެބަދަލު އަންނަން ޖެހުނު ގޮތް ހިތައް ވަޒަން ކުރެވޭނެއެވެ. އަދި ހަޔާތަށް ދިމާވި ރަނގަޅު އަސަރުތަކާއި އައި ބަދަލުތައް ވެސް ގެނެވުނު ދުވަސްތައް ވެސް ހިތައް ސިފަވާނެއެވެ.

ފަހަރެއްގައި އެ މީހުން ތިބާއަށް ރަނގަޅު ކެރިއަރ ހޯދުމަށް މަގު ދައްކައިދީފާނެ އެވެ. ފަހަރެއްގައި އެ މީހުން ތިބާގެ އަސްލު ޒޯން ދޫކޮށް އާ ތަޖުރިބާތައް ހޯދަން ހިތްވަރު ދިން ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ކުލާސްމޭޓުންގެ ފަރާތުން ތިބާ ބާކީވެފައިވާ ކަމުގެ އިހްސާސް ކުރެވޭ ވަގުތުތަކުގައި އެ މީހުން ތިބާއަށް ސަޕޯޓް ކޮށްފާނެ ކަމަށް ވެސް ވެދާނެ އެވެ. ކިޔަވައިދިނުމަކީ އެމީހުންގެ މައިގަނޑު ދައުރެއް ކަމުގައިވީ ނަމަވެސް، އެ މީހުން ވަރަށް ގިނަ ޒިންމާތަކެއް އުފުލަ އެވެ. އެމީހުންނަކީ ކައުންސެލަރުންނާއި ރަހުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރާ ބައެކެވެ.

ކިޔަވައިދިނުމަކީ ވަރަށް މާތް މަގްސަދެއްގަ ކުރެވޭ މާތް ކެތްތެރި މަސައްކަތެކެވެ. އަގު ނުކުރެވޭ މި މަސައްކަތަކީ ކެތްތެރިކަމާއި އެކު އުފުލާލެވޭ ވަރަށް މުހިންމު ޒިންމާއެކެވެ.

ނަމަވެސް ޓީޗަރުންނަށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކެއް އަބަދުވެސް ހުރެއެވެ. އެކި ގޮތް ގޮތުންނެވެ. މުދައްރިސުން، މުސްތަގުބަލަށް ދަރިވަރުން ތައްޔާރު ކުރާއިރު، އެ ޓީޗަރުން ކުރާ ޑިމާންޑްތަކާއި އެއްވަރަށް ދަރިވަރާއި ބެލެނެވެރިންވެސް ބަލައިނުގަންނަ ފަހަރު އާދެއެވެ. އެކަމަކު އޭގެން ދަރިވަރަށް ލިބޭނީ ކިހާ ބޮޑު ގެއްލުމެއް ކަމެއް ހިތައް ނައަރައެވެ. ފަހަރެއްގަ މިއީ ކޮށީ ވިސްނުމެއްގަ ކުރެވޭ ކަމަކަށް ވެދާނެއެވެ. ދަންނަންވީ ކަމަކީ މިއީ ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

ހަނގީގީ ރަނގަޅު ޓީޗަރުންގެ ސަބަބުން ޢިލްމާއި ހުނަރާއި އިތުބާރު ދެމިގެންދެއެވެ. އެމީހުންނަކީ އެމިހުންނަށް ލިބިފައިވާ އިލްމާއި ހުނަރުން ދެމިގެންދާ ގޮތަކަށް މުޖްތަމަޢަށް ވަރަށް ފައިދާ ހުރި ހިދުމަތެއް ކުރަމުންދާ ބައެކެވެ. އަދި ދަރިވަރުންނަށް އެހީތެރިވެދީ، އާއިލާތައް ވަރުގަދަކޮށް، މުޖުތަމައު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެނީވެސް ހަމަ އެފަދަ ޓީޗަރުންނެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ވިސްނެނީ މަދުވެގެން އެއް ޓީޗަރެއްގެ އޯގާތެރިކަމެއެވެ. ނަމަވެސް އޯގާތެރި ނޫން ޓީޗަރަކީ ވެސް ތިބާގެ ދިރިއުޅުމަށް ރަނގަޅު މެސެޖެއް ފޯރު ކޮށްދޭ ޓީޗަރެއްކަން ދަންނަން ޖެހެއެވެ. އެއީ ތިބާ އަށް މާ މުހިންމު ފިލާވަޅުތަކެއް ނަގައިދޭ ޓީޗަރެއްކަންވެސް ދަންނަން ޖެހެއެވެ. އެހެންކަމުން ބަލަންވީ ކަމަކީ އެމީހުންގެ ގާބިލް ކަމާއި ތަފާތު މަންޒަރެވެ. އެމީހުންގެ ޤާބިލުކަން ޤަބޫލުކޮށްގެން، ތިބާގެ މުސްތަގްބަލުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރަކަށެވެ. އެމީހުންގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އެކަން ފެންނަނީ މިއަދު މުޖުތަމައުގެ ޒިންމާދާރު މަގާމުތައް އުފުލަމުންދާ އެކި ދާއިރާތަކަށް ބަލާލީމައެވެ. އާދެ! ދަންނަވަންތޯ އެވެ. ޓީޗަރުން ނެތިއްޖެނަމަ ޑޮކްޓަރުންނާއި، ވަކީލުންނާއި، މެކޭނިކުންނާއި، މިއުޒީޝަނުންނާއި، ޝެފުން ވެސް ނުތިބޭނެއެވެ. އަދި ވިޔަފާރިވެރިންނާއި ގައުމަށް ޙިދުމަތް ކުރާ ރަނގަޅު ޖީލެއްވެސް ބިނާ ނުކުރެވޭނެއެވެ. ފަތިސް މުނާޖާ ކޮނޑު އަޅައިގެން ރޭއާ ދުވާލު ޓީޗަރުން ކުރަނީ ގައުމީ ޖިހާދެކެވެ. އެހެންކަމުން ކުރިއަރަމުން އަންނަ މުޖުތަމައެއްގެ ހައިސިއްޔަތުން އެބޭފުޅުންނަށް ޝުކުރު މިއަދު ހައްގެވެ.

ad