logo

ކޮމަންވެލްތު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަނީ

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ކޮމަންވެލްތު ގައުމުތަކަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ކުރި މަޝްވަރާތަކުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ބޭއްވި ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ އަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އަދާމެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތައް ބަލައި، ކުރިއަށް އޮތް ބޮޑު ބައްދަލުވުމަށް ތައްޔާރުވުމެވެ. އެގޮތުން، މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މެމްބަރު ގައުމުތަކުން ވަނީ މަޝްވަރާކޮށްފައެވެ.

ކޮމަންވެލްތަކީ ދުނިޔޭގެ އެކި ބައްރުތަކުން 56 މެންބަރު ގައުމުގެ މައްޗަށް އެކުލެވިގެންވާ ބޮޑު ޖަމިއްޔާއެކެވެ. ރާއްޖެ އަލުން މި ޖަމިއްޔާއާ ގުޅުނު ފަހުން، ބައިނަލްއަގުވާމީ މައިދާނުގައި އެކި ދާއިރާތަކުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ހާއްސަކޮށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ތިމާވެށީގެ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކޮމަންވެލްތާ ގުޅިގެން ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދުގެ ބައްދަލުވުމުގައިވެސް، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަމާއި، އެއްގައުމުން އަނެއްގައުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް މަންދޫބުން އަލިއަޅުއްވާލެއްވިއެވެ.

ad