logo

އެމްޑީޕީގެ ކުލަ ގެއްލޭވަރަށް މިހާރު އެޕާޓީ ފަނޑުވެއްޖެ: ފަލާހް

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ކުލަ ގެއްލޭވަރަށް މިހާރު އެ ޕާޓީގެ ކުލަ ފަނޑުވެފައިވާކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން ބޭއްވި ހޯރަފުށި ދާއިރާ ތަރާވީހުގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހް ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި މިހާހިސާބަށް އޮތް އެންމެބޮޑު އިދިކޮޅު ޕާޓީ ނަމަވެސް ރީނދޫ ކުލަ ގެއްލޭވަރަށް ޕާޓީ ފަނޑުވެފައިވާކަމަށެވެ. ފަލާހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައިވެސް އެމްޑީޕީގެ މެމްބަރުން ތަމްސީލުކުރަނީ، ރީނދޫ ކުލައިގެ ބަދަލުގައި ރަތްކުލަ ކަމަށެވެ.

ފަލާހު ވިދާޅުވީ ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންގެ ގޮތުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ތިއްބެވިއިރު، އަދި ގިނަ ކައުންސިލުތަކުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތްއިރު، ފާއިތުވި މުއްދަތުގައި އެ ކައުންސިލުތަކުގެ ތެރޭގައި ބޮޑެތި ގޯސްތަައް ހިނގާފައި ހުރިކަން ފާހަގަވެފައިވާ ކަމެވެ. ފަލާހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައިވެސް އެ މައްސަލަތައް ފާހަގަކުރެވި އިދާރާތަކަށް ހުށަހެޅިފައިވާ ކަމަށެވެ.

އެމްޑީޕީގެ ލީޑަރުންނަކީ ރާއްޖޭގެ އިގުތިސާދީ ތަރައްގީއާއި ރަށްރަށުގެ ކުރިއެރުމަށް ހުރަސްއަޅުއްވައި، ރާއްޖޭގެ އިސްލާމީ ސަގާފަތާ ދުރު ވިސްނުންތަކެއް އަބަދުވެސް ގެންގުޅެމުންދާ ބައެއް ކަމުގައި ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ދެ އިންތިހާބުގެ ދެމެދުގައި އޮންނަ ހަ މަސްދުވަހަކީ އަލަށް ހޮވޭ ސަރުކާރުގެ އެހެނިހެން މަސައްކަތްތައް ފަސްކުރުމަށްފަހު އިންތިހާބަށް ވަރަށް ބޮޑަށް ސަމާލުކަންދީގެން މަސައްކަތްކުރާ މުއްދަތެއް ކަމަށެވެ. އަދި އެ މުއްދަތަކީ ގައުމީ ތަރައްގީގައި ގެއްލިގެންދާ މުއްދަތެއްގެ ގޮތުގައި ސިފަކުރައްވަމުން ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އެ މުއްދަތަކީވެސް ތަރައްގީގެ މަސައްކަތްތަކަށް ސަމާލުކަންދެވޭނެ ދުވަސްތަކަކަށް ބަދަލުވާނެ ކަމަށެވެ.

ad