ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފިއެވެ.
މި ތުނޑު ކުނަލަކީ ދިވެހިރާއްޖެ އިން އދ. ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާއެއް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ރާއްޖޭގެ ތުނޑު ކުނަލެއް އ.ދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 2024 ވަނަ އަހަރު އދ ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ.
އ.ދ. ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، މިއަދު އދ ގެ މައިމަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު އެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އ.ދ.ގައި ބެހެއްޓި ފުރަތަމަ ފަހަރު ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ދިވެހި ޙާރިޖީއްޔާއިން ވަނީ މި ތުނޑުކުނަލަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ، އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ. ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެއްކަން ފާހަގަކޮށްފައެވެ.
އ.ދ. ގައި ބެހެއްޓުނު ތުނޑު ކުނާ ފަރުމާކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ ގައްދޫގެ ބޭފުޅެކެވެ.

