logo

ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިން

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ރައްޔިތުން ބާރުވެރިކޮށް، މައުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަން ބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

އެމަނިކުފާނު ވިދާޅުވީ މީޑިއާއަކީ، ގާނޫނުއަސާސީގައި ސަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" ކަމަށެވެ. ހަމަ އެހެންމެ ރައްޔިތުން ބާރުވެރިކުރުވުމާއި، މައުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެއްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުސަތު ދެވިފައިވާ، ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވެފައިވަނީ ޚިޔާލުފާޅުކުރުމުގައި އަހުލާގީ މިންގަނޑުތަކަށް ތަބާވުމާއި މުޖުތަމައުގެ އާންމު މަސްލަޙަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމަށެވެ.

ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަވަމުން ގެންދަވާ އެންމެ މަތީ އެއް މަސްލަޙަތު ކަމަށާއި ނޫސްވެރިންނަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދެއްވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު އަރުއްވާފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މިވަގުތަކީ، ނޫސްވެރިކަމާއި، ޓެކްނޮލޮޖީއާއި، މަދަނީ ހައްގުތަކާއި އިންސާނީ ހައްގުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެއްކަމަށާއި ނޫސްވެރިކަމުގެ މުސްތަގްބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށެވެ. އެގޮތުން މޯލްޑިވްސް 2.0 ގެ ތަސައްވުރު ހަގީގަތަކަށްވެގެންދާއިރު، ހުރިހާ ގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާލުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަގްބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއިނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި އެކަމަށް ހައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ފައިހަމަކުރާނެ، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސް ކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދިފާއުކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި ޖަމިއްޔާތަކުގެ މުހިންމުކަމަށް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭކަމަށާއި އެގޮތުން މި ފަރާތްތަކަކީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ބާރުކަމަށާއި މިނިވަން ނޫސްވެރިކަމަކީ މަދަނީ ބައިވެރިވުން ވަރުގަދަކޮށްދޭ ކަމެއްގެ އިތުރުން ތެދު މަޢުލޫމާތު ރައްކާތެރިކޮށްދޭ ވަސީލަތެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރާއްޖެއިން މަސައްކަތް ކުރަމުންދަނީ މީޑިއާއަށް އިންވެސްޓްކޮށް، މައުލޫމާތު ލިބޭނެ މަގުތައް ފަހިކޮށް، އަދި ހުޅުވާލެވިފައިވާ ބަހުސްތަކަށް ފުރުސަތު ދީގެން، ހޭލުންތެރި އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސްގެ ހިތާބުގައި ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި، ހިތްވަރާއި އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް ހހިދުމަތްކުރަމުންދާ ނޫސްވެރިންގެ މަސައްކަތް ސަރުކާރުން ބަލައިގަންނަކަން ހާމަކުރައްވާ، ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރަމުންދާއަގުހުރި ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައިވެއެވެ.

ad