އެކަނިވެރި މައިންބަފައިންނަށް ދޭ އެލެވެންސަކީ ފަގީރުކަން ނައްތާލުމަށް ދައުލަތުން ކުރެވޭ ހޭދައެެއް ކަމަށް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ތަރްޖަމާނާއި އެކު ޕޮޑްކާސްޓްގެ 3ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި ފަގީރު ހާލަތުގައި ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއި، މިހާލަތުން އަރައިގަނެވޭނީ އެކަނިވެރި ކޮށްތިބި ދަރިންނަނަށް ދައުލަތުން އެހީތެރިކަމެއް ފޯރުކޮށްދެވިގެން ކަމަށެވެ. އެހެންކަމުން އިޖްތިމާއީ ނިޒާމް ރަނގަޅު ކުރުމަށް މަސައްކަތް ކޮށް ޕްރޮގްރާމްތައްް ގިނައިން ހިންގޭވަރަކަށް މުޖުތަމައު ވެސްވަރަށް ބޮޑަށް މިކަންކަމަށް އަހުލުވެރިވާނެ ކަމަށެވެ. އަދި މިކަމުގެނަތީޖާ މީގެ ތިން އަހަރު ފަހުން ފެންނާނެ ކަމަށްވެސް މިނިސްޓަރުވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެމުން ގެންދާ މާލީ އެހީ މިހާރުވަނީ ބޮޑުވެސް ކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްގެންނެވެ.
މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވީ އާއިލާތަކަށް އެހީތެރިވުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ވެސް ވަރަށް ބޮޑަށް ބާރު އަޅާ ކަމެއް ކަމަށެވެ. މީގެސަބަބުން އެފަދަ އާއިލާތަކުގައި އުޅޭ ކުދިން ބޮޑެތިވެ މުޖުތަމައު އަށް ފައިދާވާނެ ބަޔަކަށް ވާނެކަމަށްވެސް ވިދާލުވިއެވެ.
އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެމުން ގެންދާ މާލީ އެހީގެ މި އިސްލާހުގެ ކުރިން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް، ކޮންމެ ކުއްޖަކަށް ދެމުން އައީ 1,000 ރުފިޔާގެ އިނާޔަތެކެވެ. އެގޮތުން އެންމެ ގިނަވެގެން ލިބެމުން ދިޔަ އަދަދަކީ 10,000 ރުފިޔާއެވެ. މިހާރު ގެނެވުނު އާ ބަދަލާއެކު، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މާލީ އެހީއެއް ލިބޭނެއެވެ. މިކަމުގެ ސަބަބުން، ހަތަރު ކުދިން ތިބޭ ފަރާތްތަކަށް މަހަކު 12,000 ރުފިޔާ ލިބިގެންދާނެއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް އެކަނިވެރި މައިންގެ އެލަވަންސް ހޯދުމަށް ރާއްޖޭގައި 5,443 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. ރައީސް މުއިއްޒު މީގެ ކުރިން އަންދާޒާ ކުރައްވާފައިވާ ގޮތުގައި، މި އެލަވަންސް ލިބެންޖެހޭ ގާތްގަނޑަކަށް 5,878 މީހުން ރާއްޖޭގައި އެބަތިއްބެވެ.
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދޭ އަދަދު 12,000 ރުފިޔާއަށް ވުރެ އިތުރު ނުވާ ގޮތަށް ކޮންމެ ދަރިއަކަށް މަހަކު 3,000 ރުފިޔާގެ ރޭޓުން އިތުރު ކޮށްދިނުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެކެވެ.
އެކަނިވެރިމައިންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް މި އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގަ އެވެ.

