logo

ތިލަމާލެ ބްރިޖުގެ ކޮލިޓީގެ މައްސަލައެއް ނެތް: ވަޒީރު މުއްޠަލިބް

އާމިނަތު މޫސާ
19 ގަޑިއިރު ކުރިން

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ ކޮލިޓީގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ތިލަމާލެ ބްރިޖަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޚް ސަރުކާރުން ފެށި މަޝްރޫއެކެވެ. ބްރިޖު އެޅުމުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލު ކުރީ 26 އޮގަސްޓް 2021 ގައެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ހިނގަމުންދާގޮތް ނޫސްވެރިންނަށް ދައްކާލުމަށް އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންްނަށް މައުލޫމާތު ދެއްވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ ތިލަމާލެ ބުރިޖާ ގުޅުވައި ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުރެމުންދާކަމަށެވެ. އެގޮތުން ބްރިޖުގައި ބެންޑެއް ނުވަތަ އަޑިގުޑަންތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށް ވަޒީރު ވިދާޅުވި އެވެ. އެހެންނަމަވެސް ތިލަމާލެ ބްރިޖުގެ މަސައްކަތުގައި ކޮލިޓީގެ މައްސަލައެއް ނޫޅޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ކޮލިޓީގެ މައްސަލައެއް ނޫނޭ. އަޅުގަނޑުމެންނަށް ފެންނަނީ ދުރުން، އެއީ އިލޫޝަނެއް، މަސައްކަތް ދަނީ ބްރިޖުގައި އެ ބުނާ ކަހަލަ ބެންޑުތަކެއް ހުރެގެނެއް ނޫން،" ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް

ބްރިޖު ނިމިގެންދާއިރު ބްރިޖު ވެގެންދާނީ ބިނާކުރުމާއި އިންޖިނިއަރިންގެ އަޖައިބަކަށް ކަމަށާއި، މިއީ އެ ވަރުގެ ބުރަ، ބޮޑު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވި އެވެ. އަންނަ އަހަރުގެ ނިޔަލަށް މި ބްރިޖުގެ ބޮޑު ބައި ނިމި، މާލެ އާއި ވިލިމާލެ ދެމެދު ބްރިޖު މަތިން ދަތުރުތައް ފެށޭވަރު ވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުންނާއި އިންޑިއާ ސަރުކާރުން ދެއެވެ.

"އިދާރަކުރެއްވިއްޔާ ބްރިޖު ނިމިގެންދާއިރު މި ބްރިޖު ވާނީ އިންޖީނިއަރިން މާވެލްއަކަށް. މިއީ އެ ވަރުގެ ބުރަ، ބޮޑު މަސައްކަތެއް." ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް

ތިލަމާލެ ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން ބްރިޖުގެ ދިގު މިނުގައި 6.9 ކިލޯމީޓަރު ހުންނާނެއެވެ. މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެއެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ތިލަމާލެ ބްރިޖުގެ %29 މަސައްކަތް ވަނީ ނިމިފައެވެ. މިހާތަނަށް އައިއިރު، ބްރިޖުގެ %72 ނިމިފައިވާ ކަމަށް ދިވެހި ސަރުކާރުންނާއި އެފްކޮންސް އިން ހާމަކުރެއެވެ.

ad