logo

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

އައްޑު ސިޓީ ހިތަދޫގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސްފިހާރައެއް ހުޅުވައިފިއެވެ.

މިފްކޯއިން ހިތަދޫގައި މަސްފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު އެވެ.

މި ފިހާރައާއެކު، ހުޅުމީދޫގައި މިފްކޯއިން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް، ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.

އައްޑޫ ސިޓީގެ މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތާއި މިފްކޯގެ ތަރައްޤީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބަހައްޓަވާ އަހަންމިއްޔަތާއި ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްވެރިކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިފްކޯއިން މިރޭ ހުޅުވި މަސްފިހާރައަކީ މާލެ ސަރަޙައްދުން ބޭރުގައި މިފްކޯއިން ހުޅުވި ފުރަތަމަ މަސްފިހާރައެވެ. މި ފިހާރަ ހުންނަނީ އައްޑޫ ހިތަދޫގައި މިފްކޯއިން ހިންގާ އައިސް ޕްލާންޓް ކައިރިން ލިންކް ރޯޑަށްވާގޮތަށެވެ. މިރެއިން ފެށިގެން މި ފިހާރައިން މިފްކޯގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ.

ad