logo

އައްޑޫ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓަރީކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
4 ގަޑިއިރު ކުރިން

އައްޑޫ ސިޓީގެ އިޤްތިޞާދަށް ހަލުވި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ބާއްވާ ޚާއްސަ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓަރީކޮށްފިއެވެ. މިމަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެއްވާފައިވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވީ، އައްޑޫ ސިޓީއަށް އެކްސްލެރޭޓެޑް ޑިވެލޮޕްމެންޓެއް ނުވަތަ ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްސަ އިނާޔާތްތަކެއް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަހާސިންތާ ކުރިއަށްދާނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހުއެވެ. މީގެތެރޭގައި އައްޑޫގައި ތިބި ވިޔަފާރިވެރިންގެ އިތުރުން، މާލޭގައި ތިބި އައްޑޫގެ ވިޔަފާރިވެރިންނާއި، ފަތުރުވެރިކަމާއި އިމާރާތްކުރުން ފަދަ ދާއިރާތަކުގެ ފަންނީ ބޭފުޅުން ބައިވެރިވާނެއެވެ. މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުންވެސް މި ޑައިލޮގްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، މި މަހާސިންތާގެ މަޝްވަރާތަކަށްފަހު، ވަޒީރުންގެ މަޖިލީހުގައި އެކަންކަން ދިރާސާކޮށް، ދޭނެ އިނާޔަތްތައް ކަނޑައަޅާނެ ކަމަށެވެ. އަދި މި މަޝްރޫޢަކީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ތަންފީޒުކުރެވިއްޖެނަމަ، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ ބޮޑު މަޤްސަދެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ad