logo

ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 1190 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފި

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ ފަރާތުން އިމާރަތްކުރާ 1190 ޔުނިޓްގެ ބިންގާއަޅައި މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި
ބީއެމްއެލްގެ ޗެއާޕަރސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އަދި ބީޔޫސީޖީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި މިއަދަދަށް މިހާ އަވަސްމިނެއްގައި ތަފާތު ކޮންޓްރެކްޓަރުންނަށް ދީގެން އަގުހެޔޮކޮށް ފްލެޓް އެޅުމުގެ މަސައްކަތް، މި ބާރު މިނުގައި ހިންގާފައެއް ނުވާ ކަމަށެވެ.

އަދި މީގެ ކުރިން މިފަދަ މަސައްކަތްތައް ނިންމުމަށް ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށާއި އެހެންނަމަވެސް މި މަޝްރޫއުގެ 2028 ގެ މެދުތެރޭގައި ނިންމޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ ގައުމެއްގެ އިގްތިސާދީ ކުރިއެރުމާއި، އެ ގައުމެއްގެ ބޭންކިންގ ނިޒާމާ އޮންނަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފަ ކަމަށާއި ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމުގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ ތަނަވަސް އެޕާޓްމެންޓްތަކެވެ. މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ފްރޭމްވޯކްގެ މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް އުފެއްދި ސަބްސިޑިއަރީ ކުންފުނި "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ" އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ކުންފުނިން ޖުމުލަ 3،260 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، ރޭ ބިންގާ އެޅުނު 1،190 ފްލެޓަކީ އޭގެ ބައެކެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށް ގެންގޮސް، 2028 ވަނަ އަހަރުގެ މެދުތެރޭގައި މުޅި މަޝްރޫއު ނިންމައި އާންމުންނަށް ދިިރިއުޅެވޭވަރު ކުރުމަށެވެ. މިއީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

ad