logo

މަސްތުވާތަކެއްޗާއެކު މަޝްހޫރު ވޮލީ ކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ވ. ކެޔޮދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ވޮލީކުޅުންތެރިޔާ އަހުމަދު ފާޒިލް ހައްޔަރުކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ގޮތުގައި، ދޭލިޔާގެ / ވ. ކެޔޮދޫ، އަހްމަދު ފާޒިލް (31އ) ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީ އެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި، މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި، ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ad