logo

ކާރިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މަޒީ
5 ގަޑިއިރު ކުރިން

ކާރިސާތަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށާއި ކުރިއާލައި އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި މޯލްޑިވިއަން ރެޑް ކްރެސެންޓް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ "ޓްރެކްޓް" މަޝްރޫއުގެ ދަށުން ކަނޑައެޅިފައިވާ މުހިންމު ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒުކުރުމަށެވެ.

މި އެއްބަސްވުމުގައި މައިގަނޑު މަޤުސަދަކީ މުޖުތަމަޢުގައި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމާއި، ކުރިމަތިވެދާނެ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ. މީގެ އިތުރުން ރައްޔިތުންގެ ބައިވެރިވުމާ އެކު، އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ރާއްޖޭގައި އިތުރަށް ފުޅާކުރުން ވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން މޫސުމީ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުވެގެންދާނެ އެވެ. އަދި ކުއްލި ހާލަތްތަކުގައި އަވަހަށް މައުލޫމާތު ފޯރުކޮށްދީ، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެ އެވެ.

ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށް ސަރަހައްދީ ފެންވަރުގައި ވެސް ރާއްޖެއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ad