ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ވަކިކުރީ އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށްކަމަށް ވާތީ އެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ޖަވާބުދާރީވާން ޖެހޭނެކަމަށް ވިދާޅުވެ، މަޖިލީހަށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
އެ ގަރާރަކީ، ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުންކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރާއި، ޙުސްނުއްސުޢޫދު މަގާމުން ސަސްޕެންޑުކޮށް، ފަހުން ދެ ފަނޑިޔާރުން ވަކިކުރީ ޖިނާއީ ކުށެއް ހިންގައިފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަމަށާއި، އެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ޖަވާބުދާރީވާން ޖެހޭނެކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރެކެވެ.
އެ ގަރާރު ބޭރުކޮށްލަން ނިންމީ، ވޯޓު ދެއްވި 35 މެމްބަރުންގެ ތެރެއިން 28 ވޯޓާއެކުއެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ތިން ފަނޑިޔާރުން ވެސް ޖިނާއީ ކުށެއް ކުރައްވައިފައިވާކަމަށް ބެލެވެން ނެތުމުން ފުލުހުން އެ މައްސަލަ ފައިލްކޮށް، ތިން ފަނޑިޔާރުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ ފަނޑިޔާރުން ވަކިކުރީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށްކަން ހާމަވެގެންދާކަމަށް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ޖޭއެސްސީން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރުން ވަކިކުރީ ޖިނާއީ ކުށެއް ހިނގައިފައިވާކަމަށް ބެލެވެން ނެތް ހާލަތުގައިކަމަށް ވާތީ، އެ ކޮމިޝަނުން އެކަމުގެ ޒިންމާ ނަގައި ޖަވާބުދާރީވާންޖެހޭނެކަމަށް އެ ގަރާރުގައި ވެއެވެ. އަދި އެކަމުގައި މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދިނުމަށް ވެސް އެ ގަރާރުގައި އެދިފައިވެއެވެ.
މި ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް އަޒްމިރާލްދާގެ އިތުރުން އޭރު އެ ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި މަހާޒާއި ސުޢޫދު މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 26ގައި ކުއްލި ގޮތަކަށް ސަސްޕެންޑުކުރިއެވެ. އެ މައްސަލައިގައި ސުޢޫދު އިސްތިއުފާ ދެއްވިއިރު، ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އަޒްމިރާލްދާއާއި މަހާޒް މަގާމުން ވަކިކޮށްފައެވެ.
ނަމަވެސް، އެ ބޭފުޅުންނަށް ތުހުމަތުތައްކޮށް ފުލުހުން ބަލަން ފެށި މައްސަލައިގައި ތުހުމަތުކުރެވޭ ފަދަ ޖިނާއީ ދައުވާއެއް ކުރެވިދާނެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތްކަމަށް ނިންމައި، ދެ ބޭފުޅުންގެ މައްސަލަ ފައިލްކޮށްފައިވާކަން ފުލުހުން އެންގީ މިދިޔަ އޮކްޓޯބަރު މަހުއެވެ.
އަޒްމިރާލްދާ އާއި މަހާޒާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލައަކީ ދަށު ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވިކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.
ސުޕްރީމް ކޯޓުގެ މި ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު މި މަހުގެ ތެރޭގައި ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން ގަރާރު ބަލައިނުގަތުމުން އެކަމާ ގުޅިގެން ބަހުސްކުރުމުގެ ފުރުސަތެއް މި މައްސަލާގައި ދީފައެއް ނުވެއެވެ.

